ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ނުފައިބައިފިނަމަ ރާއްޖޭގެ ޑިމޮކްރަސީއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ރައީސް ކަމާ ހަވާލުވި ފަހުން އިންޑިއާގެ ނޫހަކަށް ދެއްވި ފުރަތަމަ އިއްޓަވިއުގައި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އަށް ދެއްވި އިއްޓާވިއުގައި ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަމަށެވެ. ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ނުރުހޭ ކަމުގައި ކަމަށް ރައީސް ވިދާޅުވި އެވެ. ބޮޑު މެޖޯރިޓީއެއް އެގޮތަށް ނިންމާފައި ވަނިކޮށް, އެ ނިންމުމަށް އިޙްތިރާމް ނުކޮށްފިނަމަ އެއީ ރާއްޖޭގެ ޑިމޮކްރަސީއަށް ނުރައްކާވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ އަދި ޒަމާނުއްސުރެ ޑިމޮކްރެޓިކް އާދަކާދަތައް އޮތް އިންޑިއާ އަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް އެދުމަށް އިހުތިރާމް ކުރާނެ ގައުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމަކާ ނުލައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެކެވެ. ރާއްޖެ އާއި އިންޑިޔާއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ ވާހަކަދައްކައިގެން ހައްލުކުރެވޭ ވަރަށް ބަދަހި ގުޅުމެއްކަމަށް ގަބޫލުކުރައްވާ ސަބަބުތަކެއް އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުން މި ވަގުތު ރާއްޖޭގައި އިންޑިއާގެ 88 ސިފައިން އެބަ ތިއްބެވެ. ސަރުކާރުން ބުނީ އިންޑިއާ ސިފައިން ތިބި އަދަދަށްވުރެއް މުހިންމީ ތިބި ސިފައިން ފޮނުވާލުމުގެ ކަންކަން ކުރުން ކަމަށެވެ.