ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ފަރާތުން މާލޭ މޭޔަރު އިންތިހާބުގައި ވާދަކުރައްވާ އާޒިމާ ޝަކޫރުގެ ކެމްޕޭނަށް މިއަދު ވިލިމާލެ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭގައި އެންމެ އުސްކޮށް ޢިމާރާތްކުރެވޭ މިންވަރު ބަދަލުކުރުމަށް އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ބޭނުންފުޅުވެ އެހެންނަމަވެސް އެކަން ނުކުރެވުނީ އޭރު ސަރުކާރާއި މަޖިލީހުން އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށެވެ. ވިލިމާލޭގައި 10 ބުރިއަށް ޢިމާރާތް ކުރެވޭ ގޮތް ހަދައިދިނުމަށް ރައްޔިތުން އެދޭ ކަމަށާއި، އެގޮތަށް ބަދަލު ގެނައުމަށް ކުރީ ސަރުކާރުގައި އެދިވަޑައިގެންނެވި ނަމަވެސް އެކަން އޮތީ ނުކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަން ކުރެވެން އަންނަނީ ޕްލޭނިން މިނިސްޓްރީން ގަވާއިދު އިސްލާހުކޮށްފައި، މަޖިލީހުގެ އެކަމާ ބެހޭ ކޮމިޓީއަށް ފޮނުވައިގެން އެކަމާ ބެހޭ ގާނޫނަކަށް ގެންނަ ބަދަލެއްގެ ތެރެއިން ގަވާއިދު އިސްލާހުވާ ގޮތަށް އޮންނަ ކަމަށް މިވަނީ. މީގެ ކުރިން ޕްލޭނިން މިނިސްޓްރީއާ ހިސާބުން ހިފެހެއްޓިފައިވާ ހިފެހެއްޓުން ދެނެއް ނުހިފެހެއްޓޭނެ. ދެން މަޖިލީހުން އިސްލާހުކޮށްދޭން އަޅުގަނޑުމެން އެދިފައިވާނެ. އެހެންވީމާ އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ އިރާދަކުރެއްވިއްޔާ އެކަންތައް ވެސް ހައްލުކޮށްދޭނަމޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ފައިބަރުގެ މަސައްކަތް ކުރާ ފަރާތްތަކަށް ތިލަފުށިން ޖާގަ ދިނުމަށް ބިން ކަނޑައަޅާފައިވާ ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ތިލަފުއްޓަށް ބަދަލުކުރެވޭނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް މިހާރު ފަށްޓަވާފައިވާ ކަމަށާއި، މަގުހެދުމާއި ފެނާއި ނަރުދަމާގެ މަސައްކަތާއި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
މިހާރުވެސް އެރަށު މީހުނައް ނޫޅެވޭވަެައް މީހުންގިނަ ނާމާން ތަނެއް .