މާފަންނުގައި ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލު ކުރުމަށްޓަކައި ހިރިޔާ ސްކޫލުގެ އުތުރަށް އޮންނަ ސަބުދެލި މަގު ހުޅުވާލަން ނިންމައިފި އެވެ.

މީގެ ހަ އަހަރު ކުރިން ބަންދުކުރި ސަބުދެލި މަގު ސާފު ކުރުމުގެ މަސައްކަތް ލޯކަލް ގަވާމަންޓް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

ލޯކަލް ގަވާމަންޓް މިނިސްޓްރީން މިއަދު ބުނީ އަމީނީމަގު ހެދުމުގެ މަސައްކަތާއި ގުޅިގެން މާފަންނުގައި ދިމާވެފައިވާ ޓްރެފިކް މައްސަލަ އަށް ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި އެއްގޮތަށް ހިރިޔާ ސްކޫލާއި އިންވެގެން އޮންނަ ގޯޅި އާންމު ދަތުރަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

ޓްރެފިކް ކުޑަކުރުމަށް ހިރިޔާގެ އުތުރުން އޮންނަ ގޯޅި ހުޅުވާލާން ނިންމާފައިވާއިރު އަމީނީމަގެ އެންމެ ފަހު ބައި ހެދުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

ސަބުދެލި މަގު ބަންދުކުރީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ލަގްޒަރީ ހައުސިން ޕްރޮޖެކްޓެއް ހިންގުމަށެވެ. ކޮރަލް ބުލެވާޑުގެ ނަމުގައި ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ދޫކޮށްފައިވާ ބިމުގައި މިއަދާ ހަމައަށް ވެސް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިންގަޕޫރު ކުންފުނި ޗަންހުއާ ކޮންސްޓްރަކްޝަނަށް އެ މަޝްރޫއު ހަވާލުކުރީ 2020 ގެ ނިޔަލަށް ނިންމުމަށެވެ. އަދި އެ ތަނުގެ ހަތަރު ޓަވަރުން 120 ފްލެޓް ސަރުކާރަށް ދޭން ޖެހޭ ގޮތަށް އެ ތަން ހެދުމަށް އޭރު ބިންގާ ވެސް އެޅި އެވެ.

އެހެން ނަމަވެސް 2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމާއި ހަވާލުވުމަށް ފަހު އެ މަޝްރޫއު ހުޅުމާލެއަށް ބަދަލު ކުރުމަށް ނިންމެވި އެވެ. އެއާއެކު އެބިމުގައި އެއްވެސް މަސައްކަތް މިހާތަނަށް ކޮށްފައެއް ނުވެ އެވެ.