މިއަދު އޭނާ މަގުމަތިކޮށް ބާކީ ކޮށްފައި ހުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި މި ސަރުކާރުގެ ކޯލިޝަންގެ ހުރިހާ ވެރިން ލަދުގަންނަންޖެހޭނެ ކަމެއްކަމަށް ވިދާޅުވެ، މިސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ސަރުކާރަށާއި ކޯލިޝަނަށް އަމާޒުކޮށް ނުރުހުން ފާޅުކުރައްވައިފި އެވެ.

ޝިދާތާގެ ފޭސްބުކްއާއި ޓުވިޓާގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވަނީ ވަޒީރުކަމުން އިސްތިއުފާ ދިންތާ މިއަދަށް އެއް އަހަރުވެފައިވާ ކަމަށެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އެކަކަށް އެންމެ ބުރަ މަސައްކަތް މިސަރުކާރު ގެންނަން ކުރި މީހަކަށް އެކަމަނާ ވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ސަރުކާރު ގެނައީ އަނިޔާ ވެރިކަން ނިމުމަކަށް ގެނެސް އިންސާފު ގާއިމުކުރަންކަމަށާއި، އެހެނަސް އަމިއްލައަށް ގެނައި ސަރުކާރުގެ އެންމެބޮޑު ބޭއިންސާފަކާއި ހިތްދަތި ކަމަކާއި ކުރިމަތިލީ މީހަކަށް އެކަމަނާވާނެ ކަމަށް ޝިދާތާ ވިދާޅުވެފައިވެ އެވެ.

ޝިދާތާ އިތުރަށް ވިދާޅުވެފައިވަނީ ކޯލިޝަން ހުރިހާ ޕާޓީއެއްގެ ލީޑަރުންގެ ހައްޤުގައި ބިރެއްނެތި ވަކާލާތުކުރެއްވި ކަމަށާއި ނަމަވެސް މިއަދު އޭނާ މަގުމަތިކޮށް ބާކީކޮށް ހުރުމަކީ ރައީސް ސޯލިހު ހިމެނޭހެން ކޯލިޝަންގެ ހުރިހާ ލީޑަރުން ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ. އެހެނަސް ސިޔާސީ ގޮތުން ފަހަތަށް ޖެހުމުގެ ވިސްނުމެއްނެތް ކަމަށާއި އޭނާ ދާނީ ކުރިއަށް ކަމަށް ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހުގެ ކެމްޕެއިން ދުވަސްވަރު ޝިދާތާއަކީ ޕޯޑިއަމްތަކާއި އެކިއެކި ޕްލެޓްފޯމްތަކުގައި މިސަރުކާރު ގެނައުމަށް ވަކާލާތުކުރި ކަނބަލުންގެ ތެރޭގައި ގުނާލެވޭ އެކެކެވެ.

އޭނާ ވަނީ ގުޅިފައިވާ އިއްތިހާދުގެ ޓީމުތަކާއެކު ގައުމުން ބޭރަށް ވެސް ދަތުރު ކުރައްވާ ރައީސް ސާލިހަށާއި ކޯލިޝަނަށް ތާއީދު ހޯދުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފަ އެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލުގައި ހުންނެވި ދުވަސްވަރު އެ ޕާޓީގެ އަޑު ކަމުގައި ވެސް ވެފައިވަނީ ޝިދާ ތާއެވެ. އަދި އިމްރާންގެ ދިފާއުގައި ގިނަ މަސައްކަތްތަކެއް ޝިދާތާ ކުރެއްވި އެވެ.

ރައީސް ސާލިހުގެ ސަރުކާރު ވެރިކަމަށް ވަޑައިގެން އަދާލަތު ޕާޓީއަށް ކަނޑައެޅިފައިވާ ސްލޮޓްގެ ތެރެއިން ޖެންޑާ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ ޝިދާތާ އެވެ. ނަމަވެސް ދުވަސްތަކެއް ފަހުން ކުޑަކުދިންނާއި ޖންސީ ގޯނާއާއި ގުޅުންހުރި މައްސަލަތަކުގައި އިހުމާލުވާ ކަމަށް ބުނެ ޝިދާތާގެ އިތުބާރުނެތް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރި އެވެ. އަދި ޝިދާތާގެ އިސްތިއުފާއަށް ގޮވާލާ ސޯޝަލް މީޑިއާގައި ވެސް ގޮވާލި އެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޝިދާތާ ވިދާޅުވީ އިސްތިއުފާ ދެއްވީ މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް އިހުމާލުވެފައި ވާތީ ނޫން ކަމަށެވެ. ޝިދާތާ އިސްތިއުފާދެއްވުމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެފައި ވަނީ "ޝިދާތާގެ ތަރި އޮއްސުނީ ނޫން" ކަމަށެވެ.