އިންޑިއާގެ ވެރިންނަށާއި އެ ގައުމަށް މަލާމާތްކޮށް ދިވެހި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދަވާތީ ރާއްޖެ ދެކޮޅަށް އިންޑިއާގައި ކުރިއަށް ގެންދާ ކެމްޕޭނާ ގުޅިގެން ރާއްޖެއަށް ހަދާފައިވާ ގިނަ ބުކިންތަކެއް ކެންސަލް ކުރަން ފަށައިފި އެވެ.

ރާއްޖެއާ ދެކޮޅަށް އިންޑިއާ އިން ކެމްޕޭނެއް ފަށާފައި މިވަނީ ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައިގައި ޔޫތު މިނިސްޓްރީގެ ތިން ނައިބުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާތަނަށް އިންޑިއާއިން 10،500 ހޮޓެލް ބުކިން އަދި 5،520 ފުލައިޓު ބުކިން ކެންސަލް ކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ މަގުބޫލް އޮންލައިން ޓްރެވަލް އެޖެންޓެއް ކަމަށްވާ "އީޒް މައި ޓްރިޕް" ސީއީއޯ ނިޝާން ޕިއްޓީ ވަނީ އެ ވެބްސައިޓުން ރާއްޖެއަށް ޗުއްޓީ ބުކިން ހެދުން ހުއްޓާލާފައިވާކަން އިއުލާނުކޮށްފަ އެވެ. އޭނާ 'އެކްސް'ގައި ވިދާޅުވީ އީޒް މައި ޓްރިޕު މެދުވެރިކޮށް ރާއްޖެއަށް ފްލައިޓު ބުކިން ހެދުން ހުއްޓާލާފައިވާ ކަމަށާއި މިއީ އޭނާގެ ގައުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.

އީޒް މައި ޓްރިޕްގެ ރާއްޖޭގެ ބުކިންތައް ކެންސަލްކޮށްފައިވާއިރު، ސޯޝަލް މީޑިއާގައި އިންޑިއާގެ ގިނަ ބަޔަކު ދަނީ އެމީހުން ރާއްޖެއަށް ދަތުތުކުރަން ބުކް ކުރި ދަތުރު ކެންސަލްކޮށްފައިވާ ކަމަށް ބުނަމުންނެވެ.

ސޯޝަލް މީޑިއާގައި އިންޑިއާގެ ބައެއް މީހުން ރާއްޖެ ބޮއިކޮޓް ކުރުމަށް ކެމްޕޭނު ކުރަމުންދާއިރު "މޯލްޑިވްސް އައުޓް" ކެމްޕޭނެއް ވެސް ދަނީ ހިންގަމުންނެވެ. އަކްޝޭ ކުމާރާއި ސަލްމާން ހާން ފަދަ ބޮލީވުޑުގެ މަޝްހޫރު ތަރިން ވެސް ރާއްޖެ ބޮއިކޮޓް ކުރުމުގެ ހަރަކާތާ ވަނީ ގުޅިފަ އެވެ.