ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ފްލެޓެއް ގަތުމަށް ލޯނެއްގެ ގޮތުގައި ނަގާފައިވާ 1.96 މިލިއަން ރުފިޔާ ނުދައްކައިގެން ދައުވާ އެއް ސިވިލް ކޯޓުގައި އޮތް ކަމަށް ބުނެ ނޫހަކުން ފެތުރި ހަބަރު ސިވިލް ކޯޓުން ދޮގުކޮށްފި އެވެ.
އާޒިމާގެ އިތުރު ދަރަނީގެ މައްސަލައެއް ސިވިލް ކޯޓުގައި ކުރިއަށްދާ ކަމަށް ބުނެ ހަބަރު ލިޔެފައިވަނީ އޮންލައިން ނޫހެއް ކަމަށްވާ "ދައުރު" އެވެ.
"ދައުރު" ނޫހުގައި ލިޔެފައިވަނީ ހުޅުމާލޭގެ ޕްލެޓިނަމް ރެޒިޑެންސުން 2016 ވަނަ އަހަރުގެ ތެރޭގައި އާޒިމާ ބައްލަވައިގެންފައިވާ ފްލެޓް ގަތުމަށް އެތަން ހެދި "ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް" ކުންފުނިން އޭނާއަށް ދިން ލޯނު ނުދައްކާ އޮތް ކަމަށް ބުނެ ސިވިލް ކޯޓުގައި އެމައްސަލަ ކުރިއަށްދާ ކަމަށެވެ.
މިކަމާއި ގުޅިގެން ސިވިލް ކޯޓުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްލެޓިނަމް ރިއަލް އެސްޓޭޓްގެ ފަރާތުން އާޒިމާގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލާގައި ހުކުމް ކުރުމަށް އަޑު އެހުމެއް ތާވަލު ކޮށްފައިވާ ކަމަށް ނޫހެއްގައި ބުނެފައިވީ ނަމަވެސް އެފަދަ މައްސަލައެއް އެ ކޯޓުގައި ރަޖިސްޓާ ކޮށްފައި ނުވާ ކަމަށެވެ.
އެ މައްސަލައިގެ ލިޔެކިޔުންތަކެއް ކަމަށް ބުނެ އެ ނޫހުން އާންމު ކޮށްފައި ވަނީ ވެސް ސައްހަ ލިޔެކިޔުންތަކެއް ނޫން ކަމަށް ސިވިލް ކޯޓުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހެންވެ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ގާނޫނީ އިމުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
"ރައްޔިތުންގެ ކުރިމަތީ ކޯޓާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް އަދި ކޯޓުގެ ލިޔުންތަކެއް ކަމަށް ބުނެ ސައްހަ ނޫން ލިޔުންތަކެއް ތައްޔާރުކޮށް ކޯޓުގެ އަގު ވެއްޓޭ ގޮތަށް ކުރާ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ސިވިލް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.
ސިވިލް ކޯޓުން މިފަދަ ބަޔާނެއް ނެރެފައިވާއިރު އާޒިމާ ވަނީ މިމައްސަލަ ބަލައިދިނުމަށް އެދި މީޑިއާ ކައުންސިލަށް މައްސަލަ ހުށައަޅާފަ އެވެ. އަދި އަދި އެ މައްސަލަ ދޫނުކުރައްވާނެ ކަމަށާ ޝަރުއީ މަރުހަލާއާ ހަމައަށް ގެންދަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.