މި ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު ހައުސިން މަޝްރޫއު، ރަސްމާލޭގައި 30,000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ޗައިނާ ސަރުކާރާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ރަސްމާލޭގައި ހައުސިން ޔުނިޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗާއިނާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ބޭއްވި ރަސްމިއްޔާތެއްގައި ރަސްމާލޭގައި ހައުސިން ޔުނިޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ.

ޗައިނާއާއެކު އިއްޔެ ގާއިމްކުރި އެއްބަސްވުންތަކުގެ ތެރޭގައި ރަސްމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ އިތުރުން އެތަނުގައި އަސާސީ އެހެނިހެން ހިދުމަތްތައް ގާއިމްކުރުމާއި ގުޅޭ އެއްބަސްވުންތައް ހިމެނެ އެވެ. މިގޮތުން އެހެނިހެން އުމްރާނީ ވަސީލަތްތަކާއި ފެނާއި ނަރުދަމާގެ ހިދުމަތާއި މަގުތައް ތަރައްގީކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ދަށުން، 1153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މިމަޝްރޫއުގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފާފަ އެވެ.

"ރަސްމާލެ" ނަމުގައި ތަރައްގީ ކުރާ އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސިވިލް މެރީން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)ންނެވެ.

މި ބިން ހިއްކުމުގެ މަޝްރޫއު ސީއެމްސީސީއާ ހަވާލުކޮށްފައިވަނީ ދައުލަތުގެ ބަޖެޓުން އަދި އާބަންކޯ އިން އެއްވެސް ހަރަދެއް ނުކޮށް، އެ ކުންފުންޏަށް ހުޅުމާލެ އިން 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ދޭ ގޮތަށެވެ.

ފެހިކަން ގަދަ ހިތްގައިމު މާހައުލެއްގެ ކޮންސެޕްޓަށް ތަރައްގީ ކުރާ ރަސްމާލެ ވެގެންދާނީ ޒީރޯ ކާބަން ރަށަކަށްކަމަށް ސަރުކާރުން ވިދާޅުވެ އެވެ. މިއާއެކު އެތަނުގައި ބޭނުންކުރާނީ އިއާދަކުރަނިވި ހަކަތަ ކަމަށާއި، އިންޖީނުލީ އުޅަނދު އެތަނުގައި ދުއްވުން މަނާވާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ ހިނގަމުންދާ ރިޔާސީ ދައުރު ނިމޭއިރު މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.