މިއަދު ބޭއްވި މާލޭ ސިޓީގެ މޭޔަރުގެ ބައި އިލެކްޝަނުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރު ބޮޑުތަފާތަކުން ބަލިކޮށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އިންތިހާބު ކާމިޔާބުކޮށްފި އެވެ.

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރާ ވާދަކުރައްވައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާޒިމް 2،500 ވޯޓަށް ވުރެ ގިނަ ވޯޓުގެ ތަފާތުން ކުރި ހޯއްދެވި އެވެ.

ވަގުތީ ނަތީޖާއަކީ:

  • އާޒިމަށް 7،621 ވޯޓު (%44)
  • އާޒިމާއަށް 5،032 ވޯޓު (%29)

ދެން ތިބި ކެންޑިޑޭޓުންގެ ނަތީޖާ ތަރުތީބުން:

  • ސައިފް ފާތިހު، ދަ ޑިމޮކްރެޓްސް - 2،336 ވޯޓް
  • ހުސެއިން ވަހީދު، އަމިއްލަ (ކުރީގެ ރައީސް ޔާމީންގެ ކެންޑިޑޭޓް) 1،088 ވޯޓް
  • ޝުއައިބު އަލީ، އަމިއްލަ - 125 ވޯޓް

މާލޭ މޭޔަރު ކަމަށް ބޭފުޅަކު އައްޔަނުކުރުމަށް ބޭއްވި ބައި-އިލެކްޝަނުގެ އިތުރުން މާލޭ ކައުންސިލުގެ ހަތަރު ދާއިރާގެ މެމްބަރު ކަމަށް ބޭފުޅުުން އައްޔަނު ކުރުމަށް ވެސް ބައި-އިލެކްޝަން މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ބައި އިލެކްޝަނަށް މާލޭގައި 55 ވޯޓު ފޮށި ބަހައްޓާފައިވެ އެވެެ.

އެމްޑީޕީގެ ކެންޑިޑޭޓް އާޒިމް އިންތިހާބު ކާމިޔާބު ކުރައްވާފައި މިވަނީ ސަރުކާރުގެ ކެންޑިޑޭޓް އާޒިމާ ހޮވައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައި ވަނިކޮށެވެ.

މޭޔަރަކު ހޮވުމުގައި މާލޭގެ ރައްޔިތުން ރިސްކެއް ނުނެގުމަށް ވެސް ރައީސް މުއިއްޒު އިލްތިމާސް ކުރައްވާފައިވެ އެވެ.

މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާއެއްގެ ބައި-އިލެކްޝަން ވެސް މިއަދު ކުރިޔަށްދިޔަ އެވެ. އެއީ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާ އެވެ.