މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަން ކާމިޔާބު ނުކުރެވުނީ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުނީމަ ކަމަށް ވިދާޅުވެ، ޕީއެންސީގެ ޓިކެޓުގައި މޭޔަރު ކަމަށް ނުކުންނެވި އައިޝަތު އާޒިމާ އިންތިހާބުން ބަލިވުމުގެ ޒިންމާ ނަންގަވަން ޖެހޭ ފަދަ މޭރުމަކުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވާހަކަ ދައްކަވައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މާލޭގެ މޭޔަރަކަށް އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ. އޭނާއާ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ އެވެ. އާޒިމަށް 7،621 ވޯޓު ލިބިވަޑައިގެންނެވި އިރު، އާޒިމާ އަށް ލިބިވަޑައިގަތީ 5،031 ވޯޓެވެ.
ޕީއެންސީ އޮފީހުގައި ކުއްލި ގޮތަކަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި އަބްދުއްރަހީމް ފުރަތަމަ ވިދާޅުވީ މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ނުކުރެވުނީ އެކަށީގެންވާ މަސައްކަތެއް ނުކުރެވުނީމަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭގެ ފަހުގައި އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ލިބި، ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގައި އުޅެން ޖެހުމުން އިންތިހާބަށް ދޭންވާ ސަމާލުކަން ހަގީގަތުގައި ނުދެވުނު ކަމަށެވެ. މި އިންތިހާބުގެ ނަތީޖާ އިން ލިބުނު ފިލާވަޅުގެ ބޭނުން ހިފައިގެން ކުރިއަށް އޮތް ތަނުގައި އިންތިހާބުތައް ކާމިޔާބު ކުރުމުގެ މަސައްކަތް މިއަށް ވުރެ ވަރުގަދަ އަށް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑު މި ފުރުސަތުގައި ދަންނަވަން އިންތިހާބުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމާ އެކީގައި އަދި މި ދެންނެވި ސަބަބުތަކާ ހުރެ އަޅުގަނޑުމެންގެ އާންމު މެމްބަރުންނާ އެކީގައި ބާއްވަން ޖެހޭ ގާތް ގުޅުން މިދިޔަ ދުވަސްތަކުގައި ބޭއްވިފައި ނެތް ކަމަށްޓަކައި ނިހާޔަތަށް މާފަށް އެދެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މާޔޫސްވާން ޖެހޭ ވަރުގެ ކަމެއް ނުފެންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޕާޓީގެ ލީޑަޝިޕުން މަސައްކަތް ކުރާނީ ރައްޔިތުންނާ ވީހާވެސް ކައިރިން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.