ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ޕާސްޕޯޓުގެ ޝަރަފުވެރި ލަގަބު ޖެހިޖެހިގެން ދެވަނަ ފަހަރަށް ދިވެހިރާއްޖޭގެ ޕާސްޕޯޓަށް ލިބިއްޖެ އެވެ.

2024 ވަނަ އަހަރުގެ ހެންލީ ޕާސްޕޯޓް ރޭންކިން ލިސްޓުގައި ދިވެހި ޕާސްޕޯޓު ހިމެނިފައިވަނީ 58 ވަނަ ދަރަޖައިގަ އެވެ. މިއީ މިދިޔަ އަހަރަށްވުރެ ތިން ދަރަޖައިގެ މަތިވުމެކެވެ.

ދިވެހި ޕާސްޕޯޓުގައި ވިސާއާނުލާ 94 ގައުމަކަށް ދެވޭއިރު މިއީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ލިބުނު ބޮޑު ކާމިޔާބެއްކަން ފާހަަގަ ކުރަންޖެހެ އެވެ.

ސަރަހައްދުގެ އެންމެ މަތީ ދަރަޖަ ރާއްޖެއަށް ލިބުމުން އަންގައިދެނީ ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކުގެ ކާމިޔާބުކަން ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

ރާއްޖެ ފިޔަވައި އެހެން ގައުމުތަކަށް ބަލާއިރު ވިސާއާނުލާ ދަތުރުކުރެވޭ 62 ގައުމާއެކު ސަރަހައްދުގެ ދެވަނައިގައި އޮތީ އިންޑިއާ އެވެ. ތިންވަނައިގައި ބޫޓާން އޮތީ ވިސާއާނުލާ ދަތުރުކުރެވޭ 55 ގައުމާއެކުގަ އެވެ.