ތާޒާ ފެނަށް އޯޑަރު ދިނުމަށް ހާއްސަ އެޕެއް ތައާރަފް ކޮށްފި އެވެ.

ރޭ މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެޕް ލޯންޗްކޮށްދެއްވީ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) ގެ ޗެއާމަން އަބުދުލް މަތީން މުހައްމަދު އާއި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަލީ އާޒިމެވެ.

އައިބީއެމް އިން ބުނީ މި ވެބްސައިޓާއި އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ތާޒާ ފެނަށް އޯޑަރު ކުރެވޭނެ ކަމަށާއި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންގެ އޯޑަރުތައް އަދި ޑެލިވަރީގެ ހިދުމަތްތަށް ފަސޭހަވެ، ކަސްޓަމަރުންނަށް ހިދުމަތް ފަސޭހަ ކަމާއެކު ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.

އެންމެ ބޮޑު އިންގިލާބީ ފީޗާއެއްގެ ގޮތުގައި "ރިއަލް ޓައިމް އޯޑަރިން" ގެ ފަންކްޝަން ވެސް އެޕްލިކޭޝަން މެދުވެރިކޮށް ފެންނައިރު، މީގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ވެސް އޯޑަރުތަކުގެ ސްޓޭޓަސް ބަލާލެވޭނެ އެވެ.

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިބީއެމް) އިން 2002 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ތާޒާ ފެން ފޯރުކޮށްދެމުންދާއިރު، އެ ކުންފުންޏަކީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ތާޒާ ފެނަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބައިނަލްއަގުވާމީ ފެންވަރަށް، އުފައްދާ ބަންދުކޮށް ކޮންމެ ފެންފުޅިއެއްގެ ކޮލިޓީ ކަށަވަރު ކުރެވިގެން އާންމުންނާއި ހަމައަށް ފޯރުކޮށްދޭ ޕްރޮޑަކްޓެކެވެ.