އދ. ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވައި ފެނުނު ކުއްޖާގެ މަންމަގެ މައްޗަށް ތިން ދައުވާއެއް އުފުލައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެ އެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން ދައުވާ އުފުލާފައިވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ.
ދިގު ރަށު ކުނިގޮނޑުން މަރުވެފައި އޮތް ކުޑަކުއްޖަކު ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 9:28 ހާއިރު އެވެ. އެ ކުއްޖާ ފެނުނުއިރު ވެސް މަރުވެފައިވާ ކަމަށް އެ ރަށު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެ ކުއްޖާގެ މަރުގެ މައްސަލައިގައި ސްރީލަންކާގެ އަންހެނަކު ހައްޔަރު ކުރީ އޭނާ ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓަ އެވެ.
މި މައްސަލައާ ގުޅިގެން ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް ޕީޖީ އޮފީހުން ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ. އެއީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ސިއްޙަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާ އަދި އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ އެވެ.
ޕީޖީ އޮފީހުން ބުނީ ހިރަންޏާ ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ ކުއްޖާ ވިހާފައިވަނީ ޑިސެމްބަރު 1 ވަނަ ދުވަހުގެ ރޭގަނޑު 10:00 އާއި ޑިސެމްބަރު 3 ގެ ފަތިހު 5:00 އާ ދެމެދުގެ ވަގުތެއްގައި ދިގުރަށު ގެއެއްގެ ކޮޓަރިއެއްގެ ފާހާނާތަށި ތެރެއަށް ކަމަށެވެ. ވިހެއުމަށްފަހު ފާހާނާ ތަށިތެރެއިން ކުއްޖާ ނަގައި، ޑިސެމްބަރު 3 ވަނަ ދުވަހު ކޮތަޅުތަކަކަށް ލައިގެން ގޮސް އެ ދުވަހުގެ ފަތިހު 5:30 ހާއިރު ކުނިގޮނޑުގެ ބޭރުގައި ހުރި ކުނިވާ ޒާތުގެ ކުނި އެޅުމަށް ހާއްސަކޮށްފައި ހުރި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލާލާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އެ އަންހެން މީހާ ބަލިވެއިނީއްސުރެ ކުއްޖާގެ ސިއްޙަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނުވާކަން ވެސް ޕީޖީ އޮފީހުން ވަނީ ފާހަގަކުރައްވައިފަ އެވެ.
ޕީޖީ އޮފީހުން އެ އަންހެން މީހާގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 13 އަހަރާއި 28 އަހަރާ ދެމެދުގެ ހުކުމެއް އަންނާނެ އެވެ.
ދިގުރަށުގެ ކުނިގޮނޑުން ފެނުނު ކުޑަކުއްޖާގެ ހަށިގަނޑު ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އިންޑިއާ އަށް ފޮނުވައި ޕޯސްޓްމޯޓަމް ހަދައިފަ އެވެ.