ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މަގާމާ ހަވާލުވިތާ ދެ މަސް ދުވަހު ތެރޭގައި ރާއްޖެއިން ބޭރަށް ފަސް ވަނަ ދަތުރުފުޅުގައި ޔުގަންޑާއަށް ރޭ ފުރާވަޑައިގެންފި އެވެ.

ނައިބު ރައީސް ޔުގަންޑާއަށް ކުރައްވާ މި ދަތުރުފުޅަކީ އެގައުމުގެ ކަމްޕާލާގައި ބާއްވާ ނޮން- އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަން ކުރައްވާ ދަތުރުފުޅެކެވެ. އަދި މި ދެސަމިޓުގައި ވެސް ނައިބު ރައީސް ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނައިބު ރައީސް މި ޖަލްސާއަށް ވަޑައިގެންނެވިއިރު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ހުންނެވީ ބޮޑު ވަފުދަކާއެކު ޔުގަންޑާގަ އެވެ.

ޖުމްލަ 120 މެންބަރު ގައުމު ހިމެނޭ ނާމްގެ މެންބަރު ގައުމަކަށް 1976 ވަނަ އަހަރު ދިވެހިރާއްޖެ ވީފަހުން ރާއްޖެއަކީ ނާމްގައި ވަރަށް ހަރަކާތްތެރި ގައުމެކެވެ.

ރާއްޖެއިން ޖީ77 އެންޑް ޗައިނާގައި ބައިވެރިވީ ވެސް 1976 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުހިންމު ބައެއް މައްސަލަތައް ކަމުގައިވާ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ހޯދިފައިވާ ކުރިއެރުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައާއި އަދި ހާއްސަގޮތެއްގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ތަމްސީލުކުރުމާއި އެގައުމުތަކުގެ ހައްގުގައި ވަކާލާތުކުރުމަށް އެޖަމާޢަތުގެ ތެރެއިން އެކި ބައްދަލުވުންތަކުގައި ބައިވެރިވެ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ނައިބު ރައީސް ޔުގަންޑާއަށް ކުރައްވާ ދަތުރުފުޅަކީ މަގާމާ ހަވާލުވިފަހު ރާއްޖެއިން ބޭރަށް ކުރައްވާ ފަސް ވަނަ ދަތުރުފުޅެވެ. މީގެ ކުރިން ނައިބު ރައީސް ވަނީ ޗައިނާ އާއި ޖެނީވާ އަށް ދަތުރުފުޅު ކުރައްވާފަ އެވެ. މީގެ އިތުރުން ރިޕަބްލިކް އޮފް މޮންޓެނީގްރޯ އަށްވެސް ވަނީ ރަސްމީ ދަތަރުފުޅެއް ކުރައްވާފަ އެވެ.