ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައިސް އޮފީހުން ވެސް މާލޭ ސިޓީ ކައުންސިލުގެ މަސައްކަތަށް އަތްބާނަށް މަސައްކަތް ކޮށްފައިނުވާ ކަމަށް އެކްޓިން މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލުން ހިންގަން ރާވާފައި ހުރި ބައެއް ބޮޑެތި މަޝްރޫއުތައް ސަރުކާރާ ހަވާލުކުރަން ސިޓީ ކައުންސިލުން އިއްޔެ ނިންމާފައިވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ.
އަދި އިންތިހާބީ މޭޔަރު އާދަމް އާޒިމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި އެ ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް އާޒިމް ވަނީ ގޮވައިލައްވައިފަ އެވެ.
ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ނަރީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ ކަމަށާއި ކައުންސިލުން އެގޮތަށް ނިންމީ ކައުންސިލް ފްލޯ އަށް ހުށަހަޅައި މަޝްވަރާކޮށް، ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިޔަތުން އެގޮތަށް ބޭނުންވީމަ ކަމަށެވެ.
"ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ،" ނަރީޝް ވިދާޅުވި އެވެ.
ނަރީޝް އެހެން ވިދާޅުވި ނަމަވެސް، ކައުންސިލުން ކުއްލި ގޮތަކަށް މި ނިންމުން ނިންމީ މާލޭގެ މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އިންތިހާބުވެފައި ވަނިކޮށް އަދި އޭނާ ހުވާ ކުރުމުގެ އިންތިޒާމް ހަމަޖައްސަމުންދާ ދަނޑިވަޅެއްގަ އެވެ.
ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމަށް ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު (ޝާޑު) ހާޒިރުކޮށް، އޭނާ ލައްވައި ކައުންސިލުން ހިންގާ ބޮޑެތި މަޝްރޫއުތަކުގައި ކައުންސިލުން އެއްބަސްވެފައިވާ އެއްވެސް ކަމަކަށް ބަދަލެއް ނުގެނަސް، މަޝްރޫއު މެނޭޖްކުރުން ވަގުތީ ގޮތުން މިނިސްޓްރީއާ ހަވާލުކުރުމަށް ހުށަހަޅުއްވައިފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް ހުށަހަޅާފައި ވަނީ މަޝްރޫއުތައް އަވަސްކުރުމަށެވެ.
މިނިސްޓްރީ އަށް ހަވާލުކުރުމަށް އޭނާ ހުށަހަޅާފައި ވަނީ 100 މިލިއަން ރުފިޔާއަށް ވުރެ މަތީ ޕްރޮޖެކްޓުތަކެވެ. އެ ޕްރޮޖެކްޓުތަކުގެ ތަފްސީލެއް ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ.