މެޑިކަލް އެމާޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް، ޕާސްޕޯޓަށް އެދި ހުށަހެޅުމުގައި އަވަސް، ލުއިފަސޭހަ ހިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން ބުނީ އިއްޔެއިން ފެށިގެން މެޑިކަލް އެމާޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި، އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ ފަރާތްތަކަށް އެފަރާތުން ބޭނުންވާނަމަ އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

މެޑިކަލް އެމާޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ޕާސްޕޯޓު ހެއްދުމަށް އިމިގްރޭޝަނަށް ހާޒިރުވުމުން، އިމިގްރޭޝަންގެ އެހީތެރިކަމާއިއެކު ޕާސްޕޯޓަށް އެދި ހުށައެޅުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް އެއިދާރާއިން ބުނެ އެވެ. އަދި ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމްވެސް އިމިގްރޭޝަނުން ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފަ އެވެ.

އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ހެނދުނު 8:30 އިން ހަވީރު 5:00 އަށް މިހިދުމަތް ލިބޭނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.