ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދިން މައްސަލައިގައި ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރި މީހުންނާއި އެމީހުންގެ ސަޕޯޓަރުން ޕީއެންސީން ކެންޑެން ފަށައިފި އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ގާތްގަނޑަކަށް 17 ވަރަކަށް ދާއިރާ އިން 60 އެއްހާ މީހުންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ޕީޕީއެމްގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ނިންމަވައިފަ އެވެ. އެ ކެންޑިޑެސީ ފޯމްތައް ބަލައިނުގަތީ މައިގަނޑު ދެ ސަބަބަކާ ހުރެ އެވެ. އެއީ ޕީއެންސީން ވެރިކަމަށް އައި ފަހުން ޕާޓީގެ ތެރޭގައި ފިތުނަ އުފެއްދި ކަމުގެ ތުހުމަތުކޮށްގެންނާއި ޕާޓީ އަށް އެކަށީގެންވާ ވަރުގެ ހިދުމަތްތަކެއް ކޮށްދީފައި ނުވާ ކަމަށް ބުނެ އެވެ.

ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުނު އެއް ބޭފުޅަކީ ވީބީ ބްރަދާސްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝިޔާމެވެ. މިފަހަރުގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި އޭނާ ކުރިމަތިލައްވަން ނިންމެވި އިރު، އެންމެ ވަރުގަދަ އަށް ކެމްޕެއިން ކުރެއްވި އެއް ބޭފުޅަކީ ވެސް ޝިޔާމެވެ. އެގޮތުން ގޭގެއަށް ވަޑައިގެން އޭނާ ވަނީ ދާއިރާގެ ރައްޔިތުންގެ ހާލު ބައްލަވައިފަ އެވެ.

ޝިޔާމަށް ވާދަނުކުރެވޭނެ ކަމަށް ކަނޑައެޅުމާ ގުޅިގެން އޭނާގެ ސަޕޯޓަރުން ވަނީ ޕީއެންސީން ވަކިވާން ފަށައިފަ އެވެ. ޝިޔާމްގެ ސަޕޯޓަރުން ފޮނުވަމުންދާ ސިޓީގައި ބުނެފައި ވަނީ މެދުހެންވޭރު ދާއިރާގެ ރައްޔިތުންގެ އިހްސާސްތަކަށް ބެލުމެއް ނެތި ހަގީގަތާ ހިލާފު ކަންތައްތަކެއް ތުހުމަތުކޮށްފައި ވަކި ބައެއްގެ އަމިއްލަ މަންފާއަށް ޝިޔާމްގެ ކެންޑިޑެސީ ބާތިލް ކުރަން ނިންމާފައިވާ ކަމަށް ޝިޔާމަށް ފޮނުވި ސިޓީން އެނގެން އޮންނާތީ މިއަދުން ފެށިގެން ޕީއެންސީން ވަކިކޮށް ދިނުމަށް އެދޭ ކަމަށެވެ.

ޕީއެންސީ މެމްބަރުންނަށް ތަފާތު ތުހުމަތުކޮށް ބައެއް މެންބަރުންނަށް، އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރަން ފުރުސަތު ނުދިނުމުން ޕީއެންސީގެ އޮފީހުގައި މަސްލަހަތު ގެއްލި ބޮޑު ޒުވާބެއް ރޭ ވަނީ ހިނގައިފަ އެވެ. ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ނުލިބުނު ބައެއް މެންބަރުންނާއި ސަޕޯޓަރުން ގޮސް ޕާޓީގެ އިދާރީ މުވައްޒަފުންނަށް ޝަކުވާކޮށް އަޑުގަދަކުރާ މަންޒަރު އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތީ އަންނަ 17 މާޗުގަ އެވެ. މި އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ތާރީހު އެކި ފަހަރުމަތިން ބަދަލުކުރަމުން ގޮސް، މިހާރު ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.