އިސްތަށިގަނޑަކީ ހަމަ ކޮންމެ މީހަކު ވެސް ވަރަށް ލޯބިން ގެންގުޅޭ އެއްޗެކެވެ. އެހެން ނަމަވެސް ބައެއް ފަހަރު އިސްހތަށިގަނޑު ގެންގުޅުމުގައި އިހުމާލުވެވެ އެވެ. މިގޮތުން އިސްތަށިގަނޑު ދޮންނައިރު އަވަސް އަރުވާލިޔަސް ނޫނީ ފަރުވާ ކުޑަވިޔަސް މި ކަންކަމަކަށް ސަމާލުކަން ދެވޭތޯ ބަލާށެވެ.

އިސްތަށިގަނޑު ދޮވުމުގެ ކުރިން ފުނާ ނޭޅުން

އިސްތަށިގަނޑު ދޮވުމުގެ ކުރިން ފުނާ ނާޅާނަމަ އެއީ އިސްތަށިގަނޑަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އެއީ އިސްތަށިގަނޑުގެ އެންމެ ނާޒުކު ވަނީ ތެތްކޮށް އޮންނައިރު ކަމަށްވެފައި ގޮށްޖެހުމުގެ ފުރުސަތު ވެސް އެންމެ ބޮޑުވާ ވަގުތަކީ މިއީ ކަމުގައިވާތީ އެވެ. އެހެންކަމުން ފެންވަރަން ވަނުމުގެ ކުރިން އަބަދުވެސް ފުނާ އަޅާ ހުރިހާ ގޮށްތައް ފިލުވާލުމަށް ސަމާލުކަން ދޭންޖެހެ އެވެ.

ކޮންމެ ދުވަހަކު އިސްތަށިގަނޑު ދޮވުން

ކޮންމެ ދުވަހަކު ޝޭމްޕޫ އާއި ކޮންޑިޝަނާ ލައިގެން އިސްތަށިގަނޑު ދޮންނަނަމަ އެއީ ތި ހީކުރާ ވަރަށްވުރެން ބޮޑު ގެއްލުމެއް އިސްތަށިގަނޑަށް ލިބިދާނެ ކަމެކެވެ. ރީތިކޮށް ގެންގުޅެން ހިތާ މިކަން ކުރިޔަސް، އަސްލު ނަތީޖާއަކީ މީގެ ސަބަބުން އިސްތަށިގަނޑުގެ ދިރުމާއި އުޖާލާކަން ގެއްލި ދިއުމެވެ.

އިސްތަށިގަނޑު ތުވާލިން ހިއްކުން

އަވަސް އަރުވާލައިގެން ބޯ ހިއްކާލަން ބޭނުންވެގެން ތުވާލިން ރަނގަޅަށް އިސްތަށީތަކުގައި ހިފަހައްޓާ އޮބަހައްޓައިގެން މާ ބޮޑަށް ތެޅުވުމަކީ އިސްތަށިގަނޑަށް ލިބޭ ގެއްލުމެކެވެ. މިކަމުން އިސްތަށިގަނޑުގެ ބުޑުތައް ބަލިކަށިވެ އިސްތަށި ފައިބަން މަގުފަހިވެ އެވެ. އޭގެ ބަދަލުގައި އަމިއްލައަށް ހިކެނަ ދޫކޮށްލާށެވެ.

ތެތް އިސްތަށިގަނޑު ސްޓައިލް ކުރުން

ތެތް އިސްތަށިގަނޑާއި ހޫނު ޓޫލްސްތަކާއި އެއްވެގެން ނުވާނެ އެވެ. ތެތްކޮށް ހުންނައިރު ހޫނު ޓޫލްސްތައް ޖެއްސުމުން އިސްތަށިގަނޑުގެ ފޮލިކަލްސްތައް ހަލާކުވުމަށް މަގުފަހިވެ އެވެ. ކިތަންމެ ލަސްވެގެން އުޅުނަސް، ރަނގަޅަށް އިސްތަށިގަނޑު ނުހިއްކާ ހޫނު ސްޓައިލިން އާލާތެއް ބޭނުން ނުކުރާށެވެ.