ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިންޑިއާ ރުއްސަން "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމުގެ ގޮތުން ނެރުއްވި ގަރާރު އަދިވެސް ބާތިލް ނުކުރާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ޔާމީން އިސްކޮށް ހުންނަވައި "އިންޑިއާ އަައުޓް" ނަމުގައި ފެށި ކެމްޕެއިނަކީ ރާއްޖޭގައި ގިނަ އަދަދަކަށް އިންޑިއާ ސިފައިން ތިބުމުން އެމީހުން ފޭބުމަށް ގޮވާލައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ކެމްޕެއިނެކެވެ. މި ކެމްޕެއިންގައި ޔާމީން ވާނީ ރަށް ރަށަށް ވަޑައިގެން އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުއްލަވައި މުޒާހަރާ ވެސް ކޮށްފަ އެވެ.

ރާއްޖޭގައި "އިންޑިއާ އައުޓް" ގެ ހަރަކާތްތައް ވަރަށް ބޮޑަށް ފުޅާވެފައި ވަނިކޮށް ކުރީގެ ސަރުކާރުން ވަނީ "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ނަމުގައި ސޯލިހް ވަނީ ގަރާރެއްގައި ސޮއި ކުރައްވައިފަ އެވެ. "އިންޑިއާ އައުޓް" އެ ހަރަކާތަކީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރޭވިގެން ހިންގާ ކެމްޕޭނެއްގެ ގޮތުގައި ސިފަކޮށް އެ ގަރާރު އެމަނިކުފާނު ނެރުއްވީ އެޕްރީލް 21, 2022 ގަ އެވެ.

އެ ގަރާރާ އެކުގައި "އިންޑިއާ އައުޓް" ގެ ހަރަކާތްތައް ރާއްޖޭގައި އެއްކޮށް ހެން ހުއްޓިގެންދިޔަ އެވެ. އަދި މާލޭގެ އެކި ތަންތަނުގައި އެފަދަ ބެނާތައް ދަމާ ނަމަ، ފުލުހުން މެދުވެރިކޮށް އެ ތަކެތި ނަގަމުން ވެސް ދިޔަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިއަދާ ހަމައަށް އައިއިރު ވެސް އެ ގަރާރު ބާތިލްކޮށްފައެއް ނުވެ އެވެ.

ޕީއެންއެފް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޔާމީން ވިދާޅުވީ "އިންޑިއާ އައުޓް" ނަމުގައި މަސައްކަތްތަކެއް ހިންގީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައަކަށް ވާތީ ކަމަށާއި އެކަމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

ނަމަވެސް, އޭރުގެ ރައީސް ނެރުއްވި ގަރާރަކާ އެކު އެކަން ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ފެށި ކަމަށާއި ސަލާމަތީ ބާރުތަކާ ކުރިމަތިލާން ބޭނުން ނުވާތީ ކެމްޕެއިން ހުއްޓާލެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ރޭގައި ވިދާޅުވި ގޮތުގައި ސޯލިހް ނެރުއްވި ގަރާރަކީ ގާނޫނާ ހިލާފު "ބޭގަރާރެކެވެ". އަދި އެ ގަރާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބާތިލްނުކޮށްގެން އުޅެނީ ކީއްވެތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

ކީއްވެގެންތޯ މި ސަރުކާރަށް ޖަސްޓް ސްޓްރޯކް އޮފް ޕެން އެ ގަރާރު ބާތިލުކޮށް ނުލެވިގެން މި އުޅެނީ. ބާތިލު ކުރީމަ ދެއްތޯ މާދަމާ ވެސް އަޅުގަނޑު ގޭގައި ހަމަ އިންޑިއާ އައުޓްގެ ބެނާ ހުންނާނީ. އަދި އިންޑިއާ އައުޓް މަސައްކަތުގައި މަގުމައްޗަށް ވެސް ނުކުމެވޭނީ. އެކަމު އަދިވެސް އެ ގަރާރު ބާތިލެއް ނުކުރޭ," ޔާމީން ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގެ ވާދަވެރިންގެ ގޮތުން އިދިކޮޅުގެ ތިބެ މަގުމަތީގައި އިހުތިޖާޖު ކުރީ އެ ގަރާރު ގޯސްކަމަށް ބުނަމުން ކަމަށާއި އަދި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރުން ވެސް އިހުތިޖާޖުގެ ސަބަބަކަށް ވި ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެކަމަކު މިކަންކަމަށް ގޮވެލިފަތި ގޮވަމުން އައި ސަރުކާރެއް އަދިވެސް މި އުޅެނީ އެ ބާތިލުކޮށްނުލައިގެން. ކޮބައިތޯ މީގެ ސިއްރަކީ," ޔާމީން ސުވާލު ކުރެއްވި އެވެ.