ވިލިމާލޭގައި 500 ހައުސިން ޔުނިޓް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި މާލެ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރުން ހުވާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށެވެ.

މާލެ ސިޓީގެ މޭޔަރަކަށް ކުރިން ހުންނެވި އިރުގައި އެ މައްސަލަ އަށް ހައްލު ހޯދައި ދިނުމަށް އުޅުއްވި ނަމަވެސް ސަރުކާރުން ހުއްދަ ނުދިނުމުން އެ މަސައްކަތް ވެސް ނުފެށިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު، މި ސަރުކާރުން އެ މަސައްކަތް ފެއްޓެވުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަސައްކަތް ފެށިގެންދާނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އަދި އެ މަސައްކަތް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމާލައްވާނެ ކަމަށް ވިދާޅުވި އެވެ.

"ވިލިމާލޭގައި އެންމެ ބޮޑު މައްސަލައަކީވެސް ހައުސިންގއަށްވާތީ، ވިލިމާލޭގައި 500 ހައުސިންގ ޔުނިޓް ގާއިމުކުރުމުގެ މަސައްކަތްވެސް، ހުއްދަ ނުދިނުމުން ނުފެށި އޮވެފައި، މިހާރު އެވަނީ ފެށޭގޮތަށް ހަމަޖެހިފައި. އެ މަސައްކަތްވެސް، އަޅުގަނޑު ދެންމެ ދެންނެވި މުއްދަތުގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ފުރިހަމަކޮށް ދިނުމަށް ބޭނުންވާ މުހިންމު ކަންކަން މިސަރުކާރުން ކުރައްވާނީ މާލޭ ކައުންސިލާ ގުޅިގެން ކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެކަންކަން ބާރަށް ކުރިއަށް ގެންގޮސް ނިންމައި، ހައްލު ކުރަން ޖެހޭ ކަންކަން ހައްލު ކުރެވޭނެ ކަމަށެވެ.