ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމާއި ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންގެ ގޮތުގައި މިހާރު ތިބި 600 އަށް ވުރެ ގިނަ މުވައްޒަފުން މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުން ފެށުމަށްޓަކައި އެޗްޑީސީގެ މުވައްޒަފުންތަކެއް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަންޖެހޭނެ ކަމަށެވެ. އެހެންކަމުން މިހާރު އެ މަރުހަލާ ހިނގަމުންދާ ކަމަށާއި އެޗްޑީސީން މާލެ ސިޓީ ކައުންސިލަށް ބަދަލުކުރާ މުވައްޒަފުންގެ ސާފު އަދަދެއް އެނގޭނީ އެ މަރުހަލާ ނިމުމުން ކަމަށް ވެސް ވިދާޅުވި އެވެ.

އެޗްޑީސީން ކައުންސިލަށް ބަދަލުކުރާ މުވައްޒަފުންގެ ސީދާ އަދަދު އަދި ނޭނގުނު ނަމަވެސް، އެ އަދަދު 600 އަށްވުރެ ގިނަވާނެ ކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ.

"އެޗްޑީސީގެ މުވައްޒަފުންތަކެއް ސިޓީ ކައުންސިލަށް ބަދަލުކުރާނަމަ އެ މުވައްޒަފުންގެ ރުހުން އޮތްތޯ ވެސް ބަލާނެ. ކޮންމެވެސް ވަރަކަށް އުޅޭނެ ބަދަލުވާން ބޭނުން ނުވާ މުވައްޒަފުން ވެސް. އެހެންވެ މިކަން ނިމުން އަސްލު އަދަދެއް އެނގޭނީ،" އޭނާ ވިދާޅުވި އެވެ

އެޗްޑީސީގެ މުވައްޒަފުން މާލެ ސިޓީ ކައުންސިލަށް ބަދަލުކުރި ނަމަވެސް އެ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރައަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވައިފަ އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ. އެކަމަކު ރަސްމީކޮށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލުން ފަށާނީ އަންނަ މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.