ރާއްޖޭގައި ކޮންޓްރޯލް ކޮށްފައިވާ ބައްޔެއް ކަމަށްވާ ހޯއްގޮވާ ކެއްސުން ނުވަތަ ޕަޓޫސިސްގެ ކޭސްތަކެއް ގއ. ވިލިނގިލިން ފެނިއްޖެ އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގއ. ވިލިނގިލިން ހޯއްގޮވާ ކެއްސުން ތިން ކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިކުދިން މިބައްޔަށް ޕޮޒިޓިވްވުމުން އައިޖީއެމްއެޗާއި ގއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. މި ބައްޔަށް ޕޮޒިޓިވްވި ކުދިންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަ މަސްވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދީފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

މި ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓުކޮށް، އެ މީހުންނަށް ވެސް ބޭސް ދީފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި، މި ކޭސްތައް ފެނުމާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލުން އެކަމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައި، ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާ ގުޅިގެން އަންނަނީ ކުރަމުންނެވެ.

މި ބަލީގެ ނުރައްކާ ބޮޑީ ކުޑަކުދިންނަށްކަމުން، ހަތް އަހަރު ނުވާ ކުދިން ބަލިން ރައްޖާތެރިވުމަށް ދޭ ވެކްސިން ވީހާވެސް އަވަހަށް ފުރިހަމަކުރަން އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ. އަދި ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުން ވެކްސިން ޖެހެން ހުންނާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

މީގެ އިތުރުން ރޯގާޖެހި ކެއްސާ ފަރާތްތަކުގެ ތެރެއިން ކެއްސުން ދިގުލައިގެން ދާނަމަ ނުވަތަ ކެއްސުމުގެ ސަބަބުން އުނދަގޫތަކެއް ދިމާވާނަމަ ވީހާ ވެސް އަވަހަށް ސިއްހީ ހިދުމަތްތެރިންގެ އެހީ ހޯދުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

ހޯއްގޮވާ ކެއްސުމަކީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާއްމު ރޯގާތަކުގައިވެސް ފެންނަ އަލާމަތްތަކެވެ. އަދި ހަފްތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ، ކެއްސުން ގިނަ ދުވަހަށް ދިގުލައިގެން ދެއެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ މީހަކަށް ބަލި ޖެހިއްޖެނަމަ، ބަލީގެ މާ ބޮޑެތި އަލާމާތްތައް ނުފެނިދާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.