ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އަށް ޓެސްޓް ފްލައިޓް ޖައްސަން ތައްޔާރުވެފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ.
ރީޖަނަލް އެއާޕޯޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ 1،200 މީޓަރުގެ ސަރަހައްދެއްގައި ރަންވޭ ލައިޓް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހު ޓެސްޓް ފްލައިޓެއް ޖައްސާނެ ކަމަށް ވެސް ރީޖަނަލް އެއާޕޯޓްސް އިން ބުނެފައިވެ އެވެ.
"އަޅުގަނޑުމެންނަށް ލިބޭ އުފަލަކީ، މި މަޝްރޫއުގެ މަސައްކަތް ޓައިމްލައިންގެ ތެރޭގައި ކުރިއަށްދާކަން، އަދި އާ ރަންވޭގެ ނިމިފައިވާ 1،200 މީޓަރުގެ ސަރަޙައްދެއްގައި ފްލައިޓް އޮޕަރޭޓްކުރުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން،" ރީޖަނަލް އެއާޕޯޓްސް އިން ބުންޏެވެ.
ރީޖަނަލް އެއާޕޯޓްސް އިން ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ ޓެކްނިކަލް އިންސްޕެކްޝަންގައި މޯލްޑިވިއަންގެ އިން ބައިވެރިވެފައިވާތީ ޝުކުރު އަދާކޮށްފަ އެވެ.
އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުއާ ގުޅިގެން އިންޑިއާ ހައި ކޮމިޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި ކުރިއެރުން ލިބިފައިވާތީ އުފާ ކުރާ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމަރާތް ކުރުމަށް ނިންމާފައިވެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހިނިހެން ވަސީލަތްތައް ވެސް ގާއިމު ކުރާނެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްގެ ފަރާތުންނެވެ. މި މަޝްރޫއަށް 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަވާނެ އެވެ. މި މަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ އެވެ.
މީގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިކަމާއި މިނޫންވެސް ތަފާތު އެކި ސިނާޢަތްތައް ތަރައްގީކޮށް، އުތުރުގެ އިގްތިސާދު ފުޅާކުރުމަށް މި މަޝްރޫއު މުހިއްމު ދައުރެއް އަދާކުރާނެއެވެ. އަދި މި މަޝްރޫއުގެ ސަބަބުން އެތައް ވަޒީފާއެއް ވެސް އުފެދިގެންދާނެ އެވެ.