މޫނުގައި ބިހި ނަގާތީ ކަންބޮޑުވޭ ހެއްޔެވެ؟ މޫނު ކުރަކިވެ ހިކިވާތީ އުޅެން ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ ބޭނުންވަނީ ރަނގަޅު ސްކިންކެއާ ރޫޓިން އެކެވެ.

ކްލިންސިންގް

ކޮންމެ ބިއުޓީ ރޫޓީންއެއްގައި ވެސް ކްލެންސް ނުވަތަ މޫނު ސާފުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެންމެ ފުރަތަމަ އޮއިލް ބޭސްޑް ޕްރޮޑަކްޓެއް ބޭނުންކޮށްގެން މޫނުގައި ހުންނަ މޭކްއަޕް އާއި ސަންސްކްރީން ފަދަ ތަކެތި ފޮހެލާށެވެ. އެއަށްފަހު ކްލެންސިން އޮއިލްއެއް މޫނުގައި އުނގުޅުމަށް ފަހު ތާފަނާ ފެނުން ދޮވެލުމަށްފަހު ތުވާއްޔަކުން ހިއްކާށެވެ. އެއަށް ފަހު ވޯޓާ-ބޭސްޑް ކްލެންސާ އެއް ބޭނުންކޮށްގެން މޫނު ދޮވެލާށެވެ.

އެކްސްފޮލިއޭޓް ކުރުން

އެކްސްފޮލިއޭޓް ކުރުމަކީ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއް ނޫނެވެ. ހަފްތާ އަކު ދެތިން ފަހަރު ކުރުން ރަނގަޅުވާނެ އެވެ. އެކްސްފޮލިއޭޓް ކުރުމުން މޫނުގައި މަރުވެފައި ހުންނަ ސެލްތަައް ސާފުވެ މޫނު އޮމާންވާނެ އެވެ.

ކްލިންސިން މާސްކް

ކްލެންސިން މާސްކަކީ މޫނުގައި ހުންނަ ވަޅު ވަޅުގައި ހުންނަ ނަޖިސް ފިލުވައި ދިނުމަށް އެހީވާ އެއްޗެކެވެ. މިއީ ވެސް ކޮންމެ ދުވަހަކު ކުރަން ޖެހޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް ހަފްތާއަކު މަދުވެގެން ދެ ފަހަރު ބޭނުންކޮށްލަން ވާނެ އެވެ.

ސިރަމް

ސިރަމް އަކީ ގިނަ ފަހަރު ވަކި ކަހަލަ ހަމުގެ މައްސަލައަކަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ އެއްޗެކެވެ. އެހެން ކަމުން ސިރަމްއެއް ބޭނުންކުރާ އިރު، އެ ބޭނުންކުރަނީ ކޮން ކަހަލަ ހަމުގެ މައްސަލައަކަށް ކަން އަމިއްލަ އަށް ދެނެގަންނަން ޖެހޭނެ އެވެ. ސިރަމް އުނގުޅާނީ ހެނދުނާއި ރޭގަނޑު، ކޮންމެ އިރަކު ވެސް ދެތިން ތިއްކެވެ.

އައި ކްރީމް

ލޯ ކައިރި އަކި އެންމެ ބޮޑަށް ފަރުވާ ބޭނުންވާ އެއްތަނެވެ. ސަބަބަކީ އެންމެ އަވަހަށް ރޫ ޖެހޭނީ ވެސް ލޯ ކައިރީގައި ކަމަށް ވުމުންނެވެ. ރަނގަޅު އައި ކްރީމެއް ބޭނުންކޮށްފި ނަމަ ލޯކައިރި ކަޅުވުން ފަދަ މައްސަލަތަކުން ދުރުވާނެ އެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނާއި ހަވީރު މި ކްރީމް އުނގުޅަން ވާނެ އެވެ.

މޮއިސްޗަރައިޒިން ކްރީމް

މިއީ ރަނގަޅު ސްކިންކެއާ ރޫޓީން އެއްގެ އެންމެ މުހިއްމު އަދި ނުުކޮށް ދޫކޮށްލައިގެން ނުވާނެ ކަމެކެވެ. މޮއިސްޗަރައިޒާއެއް ގަންނަ އިރު އެމީހެއްގެ މޫނާއި ގުޅޭ ކްރީމެއް ގަތުމަށް ސަމާލުކަން ދޭންވާނެ އެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނާއި ހަވީރު މޫނު މޮއިސްޗަރައިޒް ކޮށްލަންވާނެ އެވެ.