ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް އޮޅުންފިލުއްވައި ދިނުމުގެ ގޮތުން ބާއްވާ ވަޒީރުންގެ ޕަބްލިކް ފޯރަމްގެ ފުރަތަމަ ފޯރަމް މިރޭ ބާއްވަން ނިންމައިފި އެވެ.

މި ފޯރަމް ކުރިއަށްގެންދަނީ ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް ގުޅިގެންނެވެ. ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިރޭ 8:30ގަ އެވެ.

"އަހާ" ގެ ނަމުގައި ކުރިއަށްގެންދާ މިރޭ ބައްވާ މި ފޯރަމުގައި ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން:

  1. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  2. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  3. ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
  4. ޖެންޑާ މިނިސްޓަރު އާއިޝަތު ޝިހާމް
  5. ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު

ވަޒީރުންގެ ޕަބްލިކް ފޯރަމަކީ ސަރުކާރުން ކޮންމެ ދެ މަހަކުން އެއް މަހު ބާއްވާގޮތަށް ނިންމަވާފައިވާ ފޯރަމެކެވެ. މި ފޯރަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވާނެ އެވެ.

ވަޒީރުންގެ ޕަބްލިކް ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފަ އެވެ. މި ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.