ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުން ދުރުކުރެވުނުއިރު، އެމަނިކުފާނު ހުންނެވީ ބޭސްފަރުވާއަކަށް ވަޑައިގެން ސްރީލަންކާގެ ކޮޅުނބުގަ އެވެ. ރާއްޖޭގައި ކޮންމެ ވެސް ކަމެއް ގޯސްކޮށް ހިނަގައިގެން އުޅޭކަމުގެ ޚަބަރު ފިޔަވައި އިތުރު މައުލޫމާތެއް އެމަނިކުފާނަކަށް ލިބިވަޑައިގެންފައެއް ނުވެ އެވެ.
އިނގިރޭސިންގެ މަތިންދާބޯޓެއްގައި ވަޑައިގެންނެވުމުން މާލެ ގެންދެވުމުގެ ބަދަލުގައި ސަރުކާރުން އަމީން ގެންދެވީ މާލެ ކައިރީގައި އޮތް ދޫނިދޫއަށެވެ. ދޫނިދޫއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސި ވައިގެ ސިފައިން ތިބި ރަށެކެވެ. އެމީހުން ތިބުމަށް އެ ރަށުގައި ރަނގަޅު ފެންވަރުގެ އިމާރާތެއް ވެސް ހަދައިފައި ހުއްޓެވެ. ދޫނިދޫގައި އިނގިރޭސި ސިފައިން ތިބީ އެމީހުންގެ މުއާސަލާތީ ބޭނުމަކަށްޓަކައި ވަޔަލެސް ސެޓެއް ބަހައްޓައި އެ ސެޓްގެ އޮޕަރޭޝަންތަކަށްޓަކަ އެވެ.
ރައީސް އަމީން ރާއްޖެ ވަޑައިގެންނެވި އާރްއޭއެފްގެ ސީޕްލޭން މޫދަށް ޖެއްސުމާއެކު އެމަނިކުފާނުގެ އިސްތިގުބާލުގައި ދިޔަ ދޯނި އެ ބޯޓާ ކައިރި ކުރި އެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ޝަރަފުގައި ބޯޓުގައި ދިވެހި ގައުމީ ދިދަ ނަގާފައި ހުއްޓެވެ. ބޯޓުގެ ފަޅުވެރިން އޭރު ތިބީ ބޭރުގަ އެވެ. ދޯނިކޮޅަށް އަރާވަޑައިގެންނެވުމަށްޓަކައި އަމީން ބޯޓުގެ ދޮރުކޮޅުން ނިކުމެ ވަޑައިގެންނެވުމާ އެކު އާރްއޭއެފްގެ އޮފިސަރުން އެމަނިކުފާނަށް ސެލިއުޓު ކުރި އެވެ. އެއާއެކު ދޯންޏަށް ފައިބާ ވަޑައިގެން ދޯނީގައި ތިއްބެވި އިސް ވެރިންނާ ސަލާން ކުރެއްވުމާއެކު ފަލި ޖަހާފައި ދޯނި ބާރަށް ދުއްވައިލި އެވެ.
އޭރު މާލޭގައި ވަނީ ރައީސް އަމީނުގެ ވެރިކަމާ ދެކޮޅަށް "ހަވަރު ނުކުތުމުގެ ސަބަބުން" އެ ވެރިކަން އިންގިލާބު ކުރެވިފަ އެވެ.
ފަލި ޖަހާފައި ހަރު ދުވެލީގައި ދުވެފައި ދިޔަ ދޯނި މާލޭގެ ކަނޑިންމަ ފަސްދީ ދާން ފެށުމާއެކު ވާނުވާ ސާފު ކުރެއްވުމުގެ ބޭނުމުގައި އަމީން ސުވާލު ކުރެއްވީ ދޯނީގެ ހުންގާނުގައި ހުރި މިހާ އެވެ.
"ތުއްތަނިކާ ކޮންތާކަށްތަ މިދަނީ؟" ދޯނީގެ މިސްރާބު ބަދަލުކޮށްލަމުން ދާތަން ފެނިވަޑައިގެން ދުއްވަން ހުރި ބިލާލު ތުއްތު މަނިކު ކުރެން މުހައްމަދު އަމީނު އެއްސެވި އެވެ. އަމީނުގެ ސުވާލަށް ތުއްތު މަނިކު ޖަވާބެއް ނުދެ އެވެ. ދޯނި ދިޔައީ ބާރަށް ކުރިޔަށެވެ. ޖަވާބެއް ނުލިބުމުން ދަނީ ކޮންތާކަށްތޯ މާލެ ނުދަނީތޯ އަމީން ސުވާލު ކުރެއްވި އެވެ.
އަމީނަށް ލިބިވަޑައިގެންނެވި ޖަވާބަކީ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ރުޅި އައިސްފައި ކަމަށާއި އެހާލަތުގައި މާލެ ވަޑައިގެންނެވުން ރަނގަޅު ނުވާނެ ކަމަށެ. އެހެން ނަމަވެސް އަމީނު އެދިވަޑައިގެންނެވީ އެމަނިކުފާނު މާލެ ބޭލުމަށެވެ. އަމީނު ވިދާޅުވީ އޭރުން އެމީހުން ބޭނުން ވަނީ ކޮންކަމެއްތޯ ބައްލަވައި އެކަން ވަގުތުން ހަމަ ޖައްސަވާނެ ކަމަށެވެ. އެހެން ނަމަވެސް އެވާހަކަފުޅަކަށް އެކަކު ވެސް ސަމާލުކަމެއް ނުދިނެވެ. ދޯނި ދިޔައީ ދޫނިދުއަށެވެ.
ދޫނިދުއަށް ދޯނި ފޯރުމުގެ ކުރިން އެންމެ ފަހު ބަހަކަށް އަމީން ވިދާޅުވި ބަސްފުޅަކީ "އަހަރެން އަރުވާލަނީތާ...." އެވެ. އެ ބަސްފުޅަށް ދޯނީގައި ތިއްބެވި އިބްރާހިމް މުހައްމަދު ދީދީ އާއި ފާމުލަދޭރި ކިލެގެފާނުގެ ބަސްފުޅަކީ އަރުވާލަނީ ނޫން ކަމަށާއި ރައްޔިތުން ހަމަޔަކަށް އެޅެންދެން ދުވަސްކޮޅަކު މަޑުކޮށްލައްވަންވީ ކަމަށެވެ. އެދެބޭފުޅުންނަކީ އިންގިލާބަށް ފަހު ސަރުކާރު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ތިއްބެވި ދެބޭފުޅުންނެވެ.
ދޫނިދުއަށް މުހައްމަދު އަމީން ގެންދެވުމަށް ފަހު އިބްރާހިމް މުހައްމަދު ދީދީ އާއި ކިލެގެފާނު އަމީނާއެކު އިށީނދެވަޑައިގެން ދިމާވެފައިވާ މައްސަލައާ މެދު ވާހަފުޅު ދެއްކެވި އެވެ.
"އަޅުގަނޑު މިތަނަށް މިގެނައީ ކީއްވެގެންތޯ؟ ކިހިނެއްތޯ މިވީ؟ ދޫނިދޫގައި ހިނގައިދިޔަ ވާހަކަ "ފުރަތަމަ ޖުމްހޫރިއްޔާ އުވާލުން، އަދި ރައީސް މުހައްމަދު އަމީންގެ ނިމުން" މިފޮތުގައި މުހައްމަދު ޖަމީލު ލިއުއްވާފައި ގޮތުގައި އެ މަޖިލީހުގައި އެންމެ ފުރަތަމަ ސުވާލު ކުރެއްވީ އަމީނެވެ.
އަމީންގެ ސުވާލުގެ ޖަވާބުގައި ކިލެގެފާނު ވިދާޅުވީ މާލޭގެ އަތިރި މައްޗަށް ނިކުމެފައި އޮތް މީހުން ފެނިވަޑައިގެންނެވި ނޫންތޯ އާއި އެފަދަ ހާލަތެއްގައި މާލެ ވަޑައިގެންފި ނަމަ ފުރާނަފުޅު ސަލާމަތް ނުވެދާނެ ކަމަށެވެ. އަމީނު އެއްސެވީ ސިފައިންގޭގައި ތިބި އެމަނިކުފާނަށް ވަފާތެރި މީހުން ކަމަށްވާ މަސްއޮޑި މުހައްމަދު ކަލޭގެފާނާއި ބަންދު މުހައްމަދު ކަލޭގެފާނު މެން ފަދަ މީހުން ކޮބައިތޯ އެވެ. އޭރު ސިފައިންގެ އާއި ސަރުކާރުގައި ވެސް ތިބި އަމީނަށް ވަފާތެރިކަމުގައި ފެނުނު އެންމެން ވަނީ އޮޑިއޮޑިއަށް ލައިގެން ގޮސް އެކި ރަށްރަށަށް އަރުވާލައިފަ އެވެ. ކިލެގެފާނު އަމީނަށް ދެންނެވީ އެ މީސްމީހުންގެ ވެސް ފުރާނައަށް ނުރައްކާވުމުން ކައިރީ ރަށްރަށަށް ފޮނުވާފައި ވެއްޖެ ކަމަށެވެ.
ކަންތައް ގޮސްފައި އޮތް ހިސާބު އަންދާޒާކުރެވުމާ އެކު ވެސް ރައީސް އަމީނު އެދި ވަޑައިގެންނެވި މާލެ ގެންގޮސް ދިނުމަށެވެ. ތިޔަ ހުރިހާ ވެސް މައްސަލައަކީ ބިޑި ސުއްޓާ އާއި އަތް ކެނޑުން ނޫންތޯ އޭ ވިދާޅުވެ އަމީން ވިދާޅުވީ އެކަންތަކުގައި އެމަނިކުފާނަށް ރައްޔިތުން ހަމަޖައްސާލެވިދާނެ ކަމަށާއި މާލެ ގެންގޮސް ދިނުމަށެވެ. އެއާ އެކު އަމީން ވިދާޅުވި އެވެ.
"ސިލޯނަށް އޮތް އަށާރަ ލައްކަ ރުފިޔާ ދަރާ........އެވެސް މިހާރު ވަރަށް ކުޑަ ވެއްޖެ.......މިހާރު އޮންނާނީ ނުވަ ލައްކަ....ދެން ތިޔަ ބިޑި ސުއްޓާގެ މައްސަލަ" އަމީން ވާހަކަފުޅު ދެއްކަވަމުންގެންދެވީ މާލެ ގެންގޮސް ދޭން ތަކުރާރުކޮށް އެދިވަޑައިގަންނަވަމުންނެވެ.
އަމީން އެދި ވަޑައިގެންނެވީ އަދި އެއް އަހަރު ވެރިކަމުގައި ބަހައްޓަވައި ދެއްވުމަށެވެ. އެހެންނަމަވެސް ހާޒިރުވެ ވަޑައިގެން ތިއްބެވި ބޭފުޅުންގެ ޖަވާބަކީ މާލެ ގެންދެވެން ނެތް ވާހަކަ އެވެ. އެންމެ ފަހުން އަމީނަށް ދެންނެވުނީ އެމައްސަލާގައި ރައްޔިތުންނާ ވާހަކަ ދައްކައި ރައްޔިތުންގެ ބަހެއް ހޯދައިގެން ނޫނީ މާލެ ނުގެންދެވޭނެ ކަމަށެވެ. އެއަށްފަހު ރައްޔިތުންނާ ވާހަކަ ދެއްކެވުމަށް މާލެ ވަޑައިގަތުމަށް ހިނގަވައިގަތް ބޭފުޅުންނާ އެކު ވަޑައިގެންނެވުމުގެ ނިޔަތުގައި "އަޅުގަނޑު ވެސް ދާނަމޭ" ވިދާޅުވެފައި ގޮނޑި ކޮޅުން ތެދުވެ ވަޑައިގެންނެވުމާ އެކު އިބްރާހިމް ޝިހާބު ވިދާޅުވި ބަސްފުޅަކަށް ހުއްޓުނެވެ.
"މުހައްމަދު އަމީން އަހަރެމެންގެ ފަހަތުން ވަޑައިގަތަ ނުދޭތި" އެތާގައި މަޑު ކޮށްގެން ތިބި ދޯނީގެ ފަޅުވެރިންނަށް އިޝާރަތް ކުރައްވައި ޝިހާބު ވިދާޅުވި، އެބަސްފުޅުވީ އަމީނަށް ކުއްލި ޝޮކެއް ލިބިވަޑައިގެންނެވި ބަސްފުޅަކަށެވެ. ޝިހާބުގެ ވާހަކަފުޅާއެކު އަމީން ހުއްޓިފައި ހުންވި ވަގުތު ޝޭހު ރުޝްދީ ވެސް އެފަދަ ބަސްފުޅެއް ދޫކޮށްލެއްވި އެވެ. އިބްރާހިމް މުހައްމަދު ދީދީއަށް އިޝާރަތް ކުރައްވައި ޝޭޚް ރުޝްދީ ވިދާޅުވީ "މުހަންމަދު އަމީން އެއީ އަހަރުމެންނަށް ވުރެ މާމޮޅު މީހެއް........އޭނާގެ އަނގައަކުން ނޭރޭނެ....އޭނާއަށް އެނގޭނެ ދައުލަތުން ބަންދު ކުރީމާ ބަންދުގައި ހުންނަން ވެސް......އޭނާ އަށް އަހަރެމެންގެ ފަހަތަކުން ނާދެވޭން..."
ޝޭޚް ރުޝްދީގެ ވާހަކަ ހުރި ގޮތުން އަމީން ވަރަށް ބޮޑަށް ކޯފާވެ އަނެއް ފަރާތަށް އެނބުރި ވަޑައިގެންނެވި އެވެ. މާލެއިން ވަޑައިގެންނެވި ބޭފުޅުން ފުރާ ވަޑައިގެންނެވުމުން އިރުކޮޅަކު ފެންޑާގައި ދެކޮޅަށް ހިންގަވަން ހުންނެވުމަށްފަހު އެތާނގައި ހުރި ސަރަންފީ ގޮނޑިއެއްގައި އިށީނދެ ވަޑައިގެންނެވި އެވެ. އެވަގުތު އަމީން ބެލެހެއްޓުމާ ހަވާލުވެ ތިބި މީހުންގެ ތެރެއިން މާބަނޑޭރި އިބްރާހިމް މަނިކު ސައިފޮދު ތައްޔާރު ކޮށްގެން ގެނަ އެވެ. އެވަގުތު އަމީން ވިދާޅުވި އެވެ.
"އިބްރާހަނިކާ.... ދެން އަހަންނަށް ވެރިކަން ލިބިއްޖެއްޔާ ކެލާ އިބްރާހިމް ރުޝްދީ ދަން ޖައްސާނަން،" މިހެންނެވެ.
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީނަށް އެމަނިކުފާނުގެ ވެރިކަން ގެއްލިވަޑައިގެންނެވުމާ އެކު ދިމާވެފައި އޮތް މައްސަލަތައް ހައްލުކުރައްވައި ކަންތައް ހަމަޔަކަށް އަޅުއްވާފައި ވެރިކަމުން ވަކިވެވަޑައިގެންނެވުމަށް އެދި ވަޑައިގެންނެވީ އެއް އަހަރުގެ މުއްދަތަކަށެވެ.
އެމަނިކާފުނު އެދިވަޑައިގެންވި ގޮތަށް ސަރުކާރު އިންގިލާބުކުރި ފަރާތްތަކުން ފުރުސަތެއް ނުދިނެވެ. އެފުރުސަތު ލިބިވަޑައިގެންނެވި ނަމަ ކަންތައް ވެގެންދާނީ ކޮންގޮތަކަށް ކަން އަންދާޒާ ކޮށްލަން ނޭނގުނު ކަމަށް ވިޔަސް އަމީނުގެ ވާހަކަފުޅަށް ބަލާއިރު އެނގޭ އެއްކަމަކީ އެފަދަ ހާލަތެއް މެދުވެރި ވިނަމަ ޝެއިޚް ރުޝްދީ ދަންޖައްސާނެކަމެވެ.