އެމެރިކާގެ ހާރިޖީ ވުޒާރާ، ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓަންޓް ސެކެޓްރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނާލްޑް ލޫ ދިވެހިރާއްޖެ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނީ ލޫ އިސްކޮށް އިންޑިއާގައި އޮންނަ ޔޫއެސް-އިންޑިއާ ފޯރަމްގައި ބައިވެރިވުމަށް އެމެރިކާގެ ވަފުދެއް އަންނަ ބުދަ ދުވަހާ ހަމައަށް އިންޑިއާއާއި ރާއްޖެއަށް ދަތުރުފުޅެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ ލޫ ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން 2021 ވަނަ އަހަރުވެސް ލޫ ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފަ އެވެ.

ލޫއާ އެކު ސެކްރެޓަރީ އޮފް ސްޓޭޓް ފޮ އެނާޖީ ރިސޯސަސް ޖެފްރީ ޕަޔާޓް ވެސް ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު ރާއްޖޭގައި އެމެރިކާގެ އެމްބަސީ ހުޅުވުމުގެ މަޝްވަރާތައް ކުރައްވަން ހަމަޖެހިފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އަދި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކާއި މަތީ ތައުލީމާ ގުޅޭ ސަރުކާރުގެ އިސް އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ރާއްޖޭގެ އެމްބަސީއެއް މިދިޔަ އަހަރުގެ ޖޫން މަހު އަލުން ވަނީ ހުޅުވާފައެވެ. އޭގެ ކުރިން 2007 ވަނަ އަހަރު ވެސް ރާއްޖޭގެ އެމްބަސީއެއް އެމެރިކާގައި ހިންގި އެވެ. ނަމަވެސް 2008 ވަނަ އަހަރު އެ އެމްބަސީ ވަނީ ބަންދު ކޮށްފަ އެވެ.