މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ 10 ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. ފޮނުވި ނަންތަކުގެ އިސްކަންދޭ ތަރުތީބުގެ އެންމެ ކުރީގައި އޮތީ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަމެވެ.

ކުރިން ސީއެންއެމްގައި ވެސް މަސައްކަތްކުރި ފަޒީން ވަނީ އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެވަޑައިގެންފަ އެވެ.

ފަޒީންގެ ނަމާއެކު 10 ބޭފުޅެއްގެ ނަން ލިސްޓުގައިވެ އެވެ. އެއީ:-

  1. މުހައްމަދު ފަޒީން، ހޭޒްލީން/ ބ. ތުޅާދޫ
  2. އައިޝަތު ޝިފްޒާ މުސްތަފާ، މާދަނޑު- އާސާން/ ޏ. ފުވައްމުލައް
  3. ޝިފާ ތައުފީގް ހ. ހާޖަރާގެ
  4. އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު ރސ1851
  5. އަހްމަދު މޫސާ، ހ. އަމްސާވިލާ
  6. ޒުބައިރު އަހްމަދު މަނިކު، ގ. މަލްބިނަބް
  7. ހަސަން ރަޝީދު، ފްލާވާގެ/ ސ. މަރަދޫ
  8. އައިޝަތު ހުސައިން މަނިކު، ހ. ރީނދޫކޮކާގެ
  9. މުހައްމަދު ޝާމިން، އިރުދޭމާގެ، ގދ. ގައްދޫ
  10. ހުސައިން އަމްރު، ވ. ރޯޝަން

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަން ހުސްވެފައިވަނީ ކުރިން ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ޒީނާ ޒާހިރު މިދިޔަ އޮކްޓޯބަރު މަހު އޭނާ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެނެވެ. އޭރު ރައްޔިތުންގެ މަޖިލީހުން ގެންދެވީ އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރަމުންނެވެ.