ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅީ ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުނެވެ.
ތޭވީސް މެމްބަރުންގެ ސޮޔާ އެކު މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ވަކި ދެ މައްސަލައެއްގެ ގޮތުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ, ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ގާނޫނު އަސާސީގެ 70 އަދި 75 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށްވާތީ ކަމަށް މަޖިލީހަށް ހުށަހެޅި ގަރާރުގައިވެ އެވެ.
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ, އަހުމަދު ސަލީމު މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުގައި ހުންނަވާ ވަކި ޕާޓީއެއްގެ މަސްލަހަތު ހިމާޔަތްކުރެއްވުމަށް މަސައްކަތްކުރެއްވުމާއި ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާތަކާއި ހިލާފުވުމާއި އަދި މަޖިލީހުގެ ގަވާއިދުގެ އިތުރުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ހިލާފުވެފައިވާ ކަމަށް މަޖިލީހަށް ހުށަހެޅި ގަރާރުގައިވެ އެވެ.
މަޖިލިސް ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުއްލިގޮތަކަށް މަޖިލީހަށް ވައްދާފައި މިވަނީ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕުން ނިންމި ނިންމުމާ ގުޅިގެން މަޖިލިސް ހޫނު ވެފައި ވަނިކޮށެވެ.
މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި ހިޔާލު ތަފާތުވުން އުފެދި މަޖިލިހުގައި މެމްބަރުންގެ މެދުގައި މިއަދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާ ބައެެއް މެމްބަރުންނަށް ވަނީ އަނިޔާ ވެސް ވެފަ އެވެ. އަދި އެ މެންބަރުންނަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.