ސިނަމާލެ ބްރިޖުގެ މެއިންޓަނެންސް މަސައްކަތް އިތުރު ތިން އަހަރަށް ޗައިނާ އިން ހިލޭ ކޮށްދޭން ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހި ސަރުކާރުގެ ހަރަދުގަ އާއި ޗައިނާގެ ހިލޭ އެހީ އާއި ލޯން އެހީގައި ޗައިނާގެ ސީސީސީސީ ކުންފުނިން ކޮށްފައިވާ މަސައްކަތެކެވެ.

މި މަޝްރޫއު ނިންމައި ބްރިޖް ބޭނުންކުރަން ފަށާފައިވަނީ 2018 ވަނަ އަހަރު އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިޔައިރު އިތުރު ދެ އަހަރަށް ޗައިނާ އިން ބްރިޖުގެ މަރާމާތުގެ މަސައްކަތް ހިލޭ ކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ބްރިޖުގެ މަރާމާތުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެތަނުގެ މެއިންޓަނަންސްއަކީ ހަގީގަތުގައި ވަރަށް ބޮޑަށް ކުރަންޖެހޭ ކަމެއް ކަމަށެވެ. ބްރިޖަށް އަރައިގެން ދާއިރު ހަދާފައި ހުރި ގިޑިގޭގައި ވަރަށް ބޮޑަށް ދަބަރު ޖަހައި ބައެއް އަކުރުތައް ވެއްޓުންފަދަ ކަންކަން ވެސް ހިނގާފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ޗައިނާ ސަރުކާރުން އިތުރު ތިން އަހަރަށް ހިލޭ މެއިންޓަނަންސްގެ މަސައްކަތް ކޮށްދިނުމަށް ހުށައަޅާފައިވާކަމަށާއި ނަމަވެސް އޭރުގެ ސަރުކާރުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫއަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ވެސް، ކަނޑެއް ހުރަސްކޮށް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު އަދި އެންމެ "ޗެލެންޖިން" މަޝްރޫޢުކަމަށް ރައީސް މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ މިއީ ދިވެހިންގެ ދިރިއުޅުން ބަދަލުކޮށްލި މަޝްރޫއެއް ކަމަށެވެ.