ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ ނިމުނު ބައި ރަސްމީކޮށް ބޭނުންކުރަން ފަށައިފި އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިން ބުނީ އާ ރަންވޭ އަށް ފުރަތަމަ ފްލައިޓް ޖައްސާފައި ވަނީ އިއްޔެ ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި އަލަށް ތަރައްގީ ކުރާ 2،460 މީޓަރުގެ ރަންވޭގެ ތެރެއިން 1،200 މީޓަރުގެ ރަންވޭގެ މަސައްކަތް ވަނީ ނިމިފަ އެވެ.
ރަންވޭގެ ނިމުނު ބައި ބޭނުން ކުރަން ރަސްމީކޮށް ފެށުމުގެ ގޮތުން އެ ތަނަށް ޖެއްސި ފުރަތަމަ ފްލައިޓުގައި ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އާއި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ހަނިމާދު އަށް ވަޑައިގަތެވެ.
ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރްއޭސީއެލްގެ އެމްޑީ މުބީން ވިދާޅުވީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ރަންވޭގެ ހުރިހާ ސެގްމެންޓެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް ކުރިއަށްގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ރަންވޭގެ ނުނިމި އޮތް ދެ ސެގްމެންޓުގެ މަސައްކަތް ކުރިއަށްދަނީ ކުރިން އެ އެއާޕޯޓުގައި ބޭނުންކުރި ރަންވޭ ތަޅާލުމަށް ފަހުގައި ކަމަށް އާރްއޭސީއެލުން މައުލޫމާތު ދެ އެވެ.
މި މަޝްރޫއު ނިމިގެންދާއިރު އެއާބަސް އޭ 320 އަދި ބޮއިން 737 ގެ ބޮޑެތި ބޯޓު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސޭނެ ކަމަށާއި، އަހަރަކު 1.3 މިލިއަން ޕެސެންޖަރުންނަށް ހިދުމަތްދެވޭ ފެންވަރުގެ އެއާޕޯޓު ޓާމިނަލަކާއި ފިއުލް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް އާރްއޭސީއެލުން ބުނެ އެވެ.