ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅަން އުޅޭ މައްސަލަ ކުރިއަށްގެންދިޔުމުގެ ފުރުސަތެއް ޕީޕީއެމް، ޕީއެންސީން ނުދޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަލީމް ވިދާޅުވީ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދިޔުން އެ ދެ ޕާޓީން ހުއްޓުވާނެ ކަމަށެވެ.

"އެކަމަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެންގެ ފުރާނަ ދުއްވާލާފައި ރައީސް އަޒުލުކުރަން ޖެހޭނީ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ބައެއް ވަޒީރުންނަށް ރުހުން ނުދިނީ ވަކި ބަޔަކު ރުއްސަން ކަމަށެވެ. އަދި ފަހަރެއްގައި ވެސް އެއީ އެ ބޭފުޅުން ނާގާބިލު ވެގެން ނިންމި ނިންމުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް އެ ބޭފުޅުންނާ ވާހަކަ ދެއްކިން. މަޝްވަރާ ވެސް ކުރިން މަޖިލިސް މެމްބަރުންނާ. އެ ބޭފުޅުން ވިދާޅުވީ ވަކި ސަބަބެއް ނެތޭ. ހަމަ ވަކި ފަރާތަކުން އެންގީތީ ތިމަންނަމެން އެގޮތަށް މި ވޯޓު ދެނީއޭ،" ސަލީމް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅުމަށް 34 މެމްބަރުންގެ ސޮއި ވަނީ ހަމަކޮށްފަ އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 26 މެމްބަރުންގެ ސޮޔެވެ.