ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް އަވަހާރަވުމަކީ ގާނޫނީ ހިދުމަތުގެ ދާއިރާ އަށް ލިބުނު ފޫނުބެދޭނެ އުނި ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމަށް އެ ގެއްލުނީ ހިދުމަތްތެރި ޒުވާން، ތައުލީމީ ދަރިއެއް ކަމަށެވެ.

"ގައުމީ ހިތާމައިގެ މި ދަނޑިވަޅު އަޅުގަނޑުގެ އިހްލާސްތެރި ތައުޒިޔާ މަރުހޫމްގެ އާއިލާއަށާއި ބާ ކައުންސިލްގެ އެންމެހާ ގާނޫނީ ވަކީލުންނަށް ދަންނަވަމެވެ. މަރްހޫމް ވިޝާމްގެ އާއިލާ އަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އަދި ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމުގައި މަރުޙޫމް އިސްމާއިލް ވިޝާމް ލަހައްޓަވައި އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި އެވެ. އާމީން." ރައީސް މުއިއްޒުގެ ޕޯސްޓުގައިވެ އެވެ.

އެނގިފައިވާގޮތުގައި ވިޝާމް ގޭގައި އަވަހާރަވެފައި އޮއްވައި ފެނުނީ މިރޭގެ ވަގުތެއްގަ އެވެ.

ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަދަނީ މައްސަލަތަކުގައި ވަކާލާތު ކުރައްވާފައިވާ ވިޝާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސިސްޓެންޓް އެޓާނީ ޖެނެރަލްކަން ވެސް ކުރައްވާފަ އެވެ.

އޭނާ އަކީ ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސެވެ. ރައީސް ކަމަށް ވިޝާމް އިންތިހާބުކުރީ ޖޫން 11، 2022ގަ އެވެ.