ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތް ކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ހެއްދެވީ އިތުރުފުޅެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު ވަނީ މިނިސްޓަރު ޝިޔާމް ހެއްދެވީ އިތުރުފުޅެއްކަން ހެއްކާއެކު ވިދާޅުވެދެއްވާފަ އެވެ. އޭނާ ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހޭ އަދަދަކީ 185 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެކަން ސާބިތުކޮށްދިނުމުގެ ގޮތުން އެކަމާ ގުޅޭ ލިޔުމެއް ވެސް އެކްސްގައި ކުރެއްވި ޕޯސްޓްގައި އަމީރު ވަނީ ހިމަނުއްވާފަ އެވެ.

އޭނާ ވިދާޅުވީ ސަޕްލެމެންޓްރީ ބަޖެޓް ފާސްވުމާއެކު ރައީސް ސޯލިހުގެ ސަރުކާރުން ވަނީ މަސްވެރިންނަށް ފައިސާ ދޫކުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ކަމަށެވެ. އަދި އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު މަސްވެރިންނަށް ފައިސާދޭން މިފްކޯއަށް 100 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ހަމަޖައްސައިދީފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި އާންމުކޮށް ކޮންމެ ހަފްތާއަކު މަސްވެރިންނަށް ފައިސާ ދޫކުރަމުން އައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ މަސްވެރިންނަށް ފައިސާދިނުމަށްވުރެ، އެހެން އިސްރާފްތައް މުހިއްމުވީމަ ފައިސާނުދެވޭނެ ކަމަށެވެ. އަދި މިއަށްވުރެ މާ ދަތި ދުވަސްތަކުގައި ވެސް ރައީސް ސޯލިހުގެ ސަރުކާރުން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަށްވުރެ މާ ދަތި ދުވަސްތަކުގަވެސް ފައިސާދޫކުރަމުން ގެންދިޔައިން. މި ވާހަކަ ތިބޭފުޅުންގެ ސަރުކާރު ގެންނަން މަސައްކަތްކުރި މީހުން އެދަނީ ދައްކަމުން،" އަމީރު ވިދާޅުވި އެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިފްކޯއިން ދީފައިނުވާތީ ގިނަ އަދަދެއްގެ މަސްވެރިން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. މަސްވެރިންގެ ހިތްހަމަނުޖެހުން ބޮޑުވެގެން އެންމެފަހުން ރައީސް މުއިއްޒު ވަނީ ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.