މިހާރު ލޯކަލް މާރުކޭޓް ހުރި ސަރަހައްދުގައި ތަރައްގީކުރާ ޒަމާނީ ފެންވަރުގެ މާރުކޭޓާއެކު ބިދޭސީން މާރުކޭޓުގައި ކުރާ ވިޔަފާރިއަށް ހައްލެއް ލިބިގެން ދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ އެކި ކަންކަމުގައި އާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިންނެވެ.

މާލޭގެ މާރުކޭޓުގެ ހާލަތާއި ބިދޭސީން އެތަންތަނުގައި ކުރަމުން އަންނަ ވިޔަފާރިއާ ގުޅޭ ކަންބޮޑުވުން ރައީސްއާ ހިއްސާ ކުރެއްވީ ހއ. ބާރަށު، މަދޮށިމާގޭ އަބްދުﷲ އިބްރާހީމް މަނިކެވެ. އޭނާ ވަނީ މިހާރު ހުރި މާރުކޭޓުތަކަކީ ކާބޯތަކެތި ވިއްކަން އެކަށީގެންވާ ތަންތަން ނޫންކަން ފާހަގަކޮށްފަ އެވެ. އަދި މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ވިޔަފާރިކުރާތީ އެކަމާ ގުޅޭގޮތުން ވެސް އަބްދުﷲ އިބްރާހީމް ރައީސްއާ ސުވާލުކުރި އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އާ މާރުކޭޓާއެކު އެ ހުރިހާ ކަމެއް ހައްލުވެގެންދާނެ ކަމަށެވެ. އެގޮތުން، ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ޒަމާނީ، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ހުންނަ ފެންވަރުގެ މާރުކޭޓެއް އެޅުމަށް މާލެ ސިޓީ ކައުންސިލަށް ހުރިހާ މަގެއް ސަރުކާރުން މިހާރު ފަހިކޮށްދެއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާ މާރުކޭޓުގައި މަސްމާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ހުރިހާ ބާވަތެއް ވިއްކާނެ ޖާގަ ހުންނާނެ ކަމަށެވެ. އަދި ގޮޅިތަކުގެ ޖާގަ ވެސް މިހާރުގެ މާރުކޭޓުތަކުގައި ހުންނަވަރަށްވުރެ ތަނަވަސްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ބިދޭސީ ވިޔަފާރިވެރިންގެ މައްސަލަ ވެސް އާ މާރުކޭޓާއެކު ހައްލުވެގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"ބޭރު މީހުންގެ މައްސަލައަކީ ތަންކޮޅެއް ބޮޑުވެފައި އޮތް ކަމެއް. ދިވެހިންނަށް ގޮޅި ދޫކުރަނީ. އެހެންވީމަ އެކަމަކީ އިރާދަކުރެއްވިއްޔާ ސަރުކާރު ތެރެއިން އިމްޕްލިމެންޓިން މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިއަށް އޮތްތާނގައި ހައްލުވެގެންދާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އާ މާރުކޭޓުގެ މަސައްކަތް ރޯދަ މަސް ނިމުމާއެކު ފައްޓަވާނެ ކަމަށެވެ. އެ މާރުކޭޓުގެ މަސައްކަތް ފެށުމުން ލޯކަލް މާރުކޭޓުގައި މިހާރު ވިޔަފާރ ކުރާ ފަރާތްތައް ވަގުތީ މާރުކޭޓަކަށް ބަދަލުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އާ މަސް މާރުކޭޓް އެޅުމަކީ ރައީސް މުއިއްޒު، މާލެ ސިޓީގެ މޭޔަރަކަށް ހުންނަވާ ކުރައްވަން ޕްލޭން ކުރެއްވި މަސައްކަތްޕުޅެކެވެ. ނަމަވެސް ސަރުކާރުގެ އެއްބާރުލުން ނުލިބި އެ މަސައްކަތް އޭރު ކުރެވޭ ގޮތް ނުވީ އެވެ.