މަސައްކަތްކުރާ މާހައުލު، ހިތްހަމަޖެހޭ އުފާވެރި މާހައުލަކަށް ހެދުމަކީ، ކޮންމެ މީހެއްގެ ވެސް ވަރަށް ބޮޑު އުއްމީދެކެވެ. ހާއްސަކޮށް އަލަށް ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް، ވަޒީފާގެ މާހައުލަށް ނިކުންނަނީ، މި ފަދަ ފޮނި ހުވަފެންތައް ދެކެމުންނެވެ. އެހެންނަމަވެސް ބައެއް ފަހަރު ކަންތައްތައް ދިމާވަނީ އުއްމީދުކުރި ގޮތާ މުޅިން ތަފާތުކޮށެވެ. ދެކެމުން އައި ހުވަފެން ބިލާހަކަށްވެ، ވަޒީފާގެ މައިދާން ދޫކޮށް ދާންޖެހޭ ފަހަރު ވެސް އާދެއެވެ. އަދި ވަޒީފާގެ މައިދާނުގައި ދިމާވާ ކަންކަމުގެ ސަބަބުން "ޑިޕްރެޝަން"އަށް ގޮސް، އަމިއްލަ ނަފުސަށް ގެއްލުންދޭ ހިސާބަށް ވެސް ހާލަތު ގޮސްފައި އެބަ ހުއްޓެވެ.

އެއް ތަނެއްގައި ވަޒީފާއަދާކުރާ ގިނަ މީހުންނަކީ، އާއިލާގެ މެންބަރުން ކަމުގައި ނުވި ނަމަވެސް، ވަޒީފާގެ މާހައުލުގައި އެކުގައި މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން، ގުޅުން ބަދަހިވެފައިވާ ބަޔެކެވެ. އެހެންނަމަވެސް މި ފަދަ ގުޅުމެއް އުފެދިފައި ނުވާ ނަމަ، ހިތް ނުތަނަވަސްވެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރުކުޑަވާ ގޮތް ދިމާވެއެވެ. އެހެންކަމުން ވަޒީފާގެ މާހައުލުގައި ދިމާވާ ކަންކަމުގައި، ރީތިކޮށް މުއާމަލާތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުށެއް ކުރެވިދާނެއެވެ. އަދި ގޯހެއް ވެސް ހެދިދާނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. އެއްވެސް މީހަކީ ހުރިހާ ކަމެއް ފުރިހަމަ މީހެއް ނޫނެވެ. އެހެންކަމުން، އެކުގައި މަސައްކަތްކުރާ އެކުވެރިޔާއަށް އެ ފަދަ ކަމެއް ކުރެވިއްޖެ ނަމަ، އިޙުތިރާމާއެކު، ރީތިކޮށް ވާހަކަ ދެއްކުމަކީ ވަރަށް މުހިންމުކަމެކެވެ. ލަދުގަންނަވާލައި އަނެކާ ދެރަކޮށްލުމަކީ، ކޮށްގެން ވާނެ ކަމެއް ނޫނެވެ. ފާޑެއް ކިޔަން ބޭނުން ނަމަވެސް، ބިނާކުރަނިވި ގޮތެއްގައި، އިޙުތިރާމާއެކު ފާޑުކިޔުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އަދި އަނެކާގެ ހިތް މަރުނުވާނެ ފަދަ ގޮތަކަށް ވާހަކަ ދެއްކުމަށް ސަމާލުކަން ދޭންވާނެއެވެ.

އެކުގައި މަސައްކަތް ކުރާ އެކުވެރިޔާގެ ކިބައިގައި ހުރި ނުރަނގަޅު ސިފައެއް އިސްލާހު ކުރުވަން ބޭނުން ނަމަ، އެކަމުގެ ވާހަކަ ބުނެވޭނެ ރަނގަޅު ގޮތްތައް ހުންނާނެއެވެ. ގިނަ ބައެއްގެ ތެރޭގައި ހުއްޓާ އެ ވާހަކަ ބުނުން ރަނގަޅެއް ނުވާނެއެވެ. ރަނގަޅުވާނީ ދެ މީހުން އެކަނިވާ ވަގުތެއްގައި، ބުނެލުމެވެ. މިހެން ބުނާ އިރު ވެސް ތިމާއަކީ އޭނާއަށް ހެޔޮ އެދޭ މިތުރެއްކަން، އެނގޭ ފަދަ ގޮތަކަށް އިޙުތިރާމާއި ލޯތްބާއެކު ބުނުމަކީ ވަރަށް މުހިންމުކަމެކެވެ.

ބައެއް ފަހަރަށް ހެދިފައިވާ ގޯސްތައް ފާހަގަކުރެވެނީ ކޮށްފައިވާ މަސައްކަތެއް ހުށަހަޅަމުން ދާއިރުއެވެ. ހުށަހަޅަމުންގެންދާ ޕްރެޒެންޓޭޝަނެއް ފަދަ އެއްޗަކުން ވެސް މިކަން ފާހަގަކުރެވިދާނެއެވެ. މި ފަދަ ގޮތަކަށް ފާހަގަކުރެވިއްޖެ ނަމަ، އަނެކާއަށް ވިސްނާލަން ފުރުސަތަކަށް ވާ ފަދަ ގޮތަކަށް، ސުވާލެއްގެ ސިފައިގައި އެ ވާހަކަ ބުނެވިދާނެއެވެ. "މިހެން ހަދާލެވިދާނެދޯ؟" އޭ ނުވަތަ "މި ގޮތް ކިހިނެއް ވާނެތޯ؟" ފަދަ ގޮތަކަށް ސުވާލު ބައްޓަން ކުރެވިދާނެއެވެ. "އަދި އެއްފަހަރު ޗެކްކޮށްލަން ހިނގާބަލާށޭ" ފަދަ މޭރުމަކުން ވެސް އެ ވާހަކަ ބުނެލެވިދާނެއެވެ. ގިނަ ބައެއްގެ ތެރޭގައި، އަނެކާ ލަދުގަންނަ ފަދަ މޭރުމަކުން އެ ވާހަކަ ބުނުމަކީ، އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

ތިމާ ވެސް ހިމެނޭ ޑިޕާޓްމަންޓަކުން، ނުވަތަ ސެކްޝަނަކުން ނިންމާފައިވާ މަސައްކަތެއް ހުށަހަޅާއިރު، މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ، އެއީ ސީދާ ތިމާކޮށްފައިވާ ކަމެއް ނޫން ނަމަވެސް، އެ ކަން ބުނެދިނުމަށް އަނެކާއާ ވާހަކަ ދައްކަން ވާނީ އިހުތިރާމާއެކުގައެވެ. އަދި އެންމެ ރަނގަޅުގޮތަކީ "ތިބާގެ" ނުވަތަ "ތިބޭފުޅާގެ" ބަދަލުގައި "އަހަރެމެން" ނުވަތަ "އަޅުގަނޑުމެން" ކުރި މި މަސައްކަތް މި ގޮތަށް އިސްލާޙްކޮށްލާނަމޭ ބުނުމެވެ. ސަބަބަކީ އެހެން ހެދުމުން އެކުވެރިޔާއަށް ނުވަތަ ހުށަހެޅި ބައިވެރިޔާއަށް، އޭނާއާއެކު އެހެން ބަޔަކު ތިބިކަން އިހުސާސްވެ، ހިތްހަމަޖެހުން ލިބޭނެތީއެވެ. މަސައްކަތުގެ މާހައުލުގައި، ވަރަށް ބުރަކޮށް އުޅެމުން ކުރާ ކަންކަމުގައި، މައްސަލައެއް ހުރުމަކީ ވެދާނެ ކަމަކެވެ. ހަނދާން ބަހައްޓަންވީ ކަމަކީ، އެއްވެސް މީހަކު ގަސްތުގައި އެހެން ނުހަދާނެ ކަމެވެ. ކޮންމެ މީހަކު ވެސް މަސައްކަތް ކުރާނީ، އެ މީހަކަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް، އެ މަސައްކަތެއް ކުރުމަށް ކަމަށް އަބަދުވެސް ވިސްނަން ވާނެއެވެ. ފަހި ވިސްނުމަކުން ވިސްނުމަކީ، ނުތަނަވަސްކަން ކުޑަކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.

ވިސްނާލަން ޖެހޭ އަނެއްކަމަކީ، ވާހަކަ ދެއްކުމުގައި ތިމާ އަޑު ގެންގުޅޭ ގޮތާއި ހަށިގަނޑަށް ގެންނަ ހަރަކާތެވެ. ކިތަންމެ ހެޔޮ ނިޔަތުގައި ބުނި ނަމަވެސް، ބައެއް ފަހަރަށް ހަށިގަނޑަށް ގެނެވޭ ހަރަކާތަކުން، ނުވަތަ މޫނު މައްޗަށް ހަދައިލެވޭ ގޮތަކުން، ބުނި ބުނުމުގެ މާނަ މުޅިން ބަދަލުވެދާނެއެވެ. އަދި މީހާގެ އަޑު ގެންގުޅެވޭ ގޮތަކުން ވެސް މިހެން ދިމާވެދާނެއެވެ. އެއްޗެއް ބުނާއިރު، މި ފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް ފަހަރަށް ކިތަންމެ ހެޔޮ ނިޔަތުގައި، ހެޔޮ އެދިގެން ބުނާ ބުނުމެއް ވެސް، އަނެކާއަށް ގަބޫލު ނުކުރެވެނީ، މި ފަދަ ކަންކަމަކަށް ސަމާލުކަން ނުދެވުމުން ކަމަށް ވެސް ވެދާނެއެވެ. އެހެންކަމުން ދެން ފަހަރަކުން ބަހެއް ބުނާއިރު، މިކަންކަމަށް ސަމާލުކަންދިނުން ރަނގަޅުވާނެއެވެ.

މި ކުރު ލިޔުމުގައި މި ހުށަހަޅައިލެވުނީ، މި މައުޟޫޢާ ގުޅޭ ވަރަށް މަދު ކަމެކެވެ. އިތުރު އެތައްއެތައް ކަމެއް އެބަހުއްޓެވެ. އެހެންނަމަވެސް ހަމައެކަނި މިކަންކަމަށް ވިސްނާލައިގެން އަމަލުތައް ބައްޓަން ކުރި ނަމަވެސް، ތަފާތު ފެންނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އިޙްތިރާމާއި ލޯތްބާއެކު މުއާމަލާތްކުރުމާއި ވާހަކަ ދެއްކުމުގައި އަޑު ގެންގުޅޭގޮތާއި ހަށިގަނޑުގެ ހަރަކާތާއި މޫނުމަތީގެ ޝުޢޫރުތަކަކީ ތިމާގެ ހިތް އަނެކާގެ މައްޗަށް އޮތް ގޮތް އެނގޭނެ ވަރަށް މުހިންމު ކަންކަމެވެ. ތިމާއަކީ އަނެކާއަށް ހެޔޮއެދޭ މިތުރެއްކަން ދައްކައިދީ، ދުވަހެއް ދުވަހަކަށް ގުޅުން ވަރުގަދަކުރަން މަސައްކަތް ކުރުމަކީ، މަސައްކަތުގެ މާހައުލު އިތުރަށް އުފާވެރި ކުރުމަށް ކުރެވިދާނެ ކަންކަމެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މި ފަދަ ކަންކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދެމާ ހިނގާށެވެ!

އެޑިޓަރުގެ ނޯޓް: ޝިއުނާ އަޙުމަދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދާރިސެކެވެ. އޭނާ ވަނީ ދިވެހި ބަހާއި ސަގާފަތުގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާޞިލުކުރައްވާފައެވެ. އޭނާ ވަނީ އެކިއެކި މަޖައްލާތަކާއި ސައިޓްތަކުގައި ތަފާތު މައުޟޫޢުތަކަށް އާޓިކަލްތައް ލިޔެ ޝާއިޢުކުރައްވާފައެވެ.