ކެންސަރު ބައްޔަށް ފަރުވާ ކުރެއްވުމަށް ފަހު އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މިއަދު އޮފީހަށް ނުކުންނަވަން ފައްޓަވައިފި އެވެ.
މިދިޔަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހު މިނިސްޓަރު ރަމީލާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެންސަރު ބަލި ޖެހިފައިވާ ކަމަށާއި އަދި އެ ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ. އަދި އެޗްއައިޕީއީސީ ކީމޯ އާއި ރޭޑިއޭޝަންގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފަރުވާއަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން މިނިސްޓަރު ރަމީލާ މިއަދު ވަނީ އޮފީހަށް ނުކުންނަވަން ފައްޓަވައިފަ އެވެ.
މިނިސްޓަރު ރަމީލާ މިއަދު 'އެކްސް'ގައި ޕޯސްޓެއްގައި ވިދާޅުވީ، މާބޮޑެތި ސައިޑް އިފެކްޓްތަކަކާ ނުލާ 9 ކީމޯތެރަޕީ ސެޝަން ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.
"ފަރުވާގެ ދެވަނަ ފިޔަވަހި ފެށުމުގެ ކުރިން ލިބޭ މި މަދު ހަފްތާތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ކަމަށް އުންމީދުކުރަން،" ރަމީލާ ވިދާޅުވި އެވެ.
އޭނާއަށްޓަކައި ހެޔޮ ދުއާ ކޮށްދެއްވި އެންމެނަށް ރަމީލާ ޝުކުރު އަދާކުރެއްވި އެވެ.
ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރެއްގެ މަތިން ކުރިން ކުރައްވައިފަ އެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާ އިން ޕީއެޗްޑީ ވެސް ހާސިލުކުރައްވައިފަ އެވެ.