ރާއްޖޭގެ އިގުތިސާދީ މި ވަގުތު ހުރިގޮތުން ސަރުކާރުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށްޓަކައި އިތުރަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުން ހުއްޓާލާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސ ބަޔާން އިއްވަވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް، އަމިއްލަ އިސްލާހީ ސިޔާސަތެއް އެކަށައަޅައި ހިންގުން ކަމަށެވެ. މިއީ ގައުމުގެ އިޤްތިސާދީ އަދި މާލީ މުސްތަޤްބަލަށް މި ވަގުތު ކޮންމެހެން ކުރަން ޖެހޭކަމެއް ކަމުގައި ދެކޭ ކަމަށެވެ.

"ހަމައެހެންމެ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ޙާލަތްތައް ފިޔަވައި ސިޔާސީ އިސް މަޤާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން." ރައިސް މުއިއްޒު ވިދާޅުވި އެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް، އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އަމިއްލަ އިސްލާހީ ސިޔާސަތެއް އެކަށައަޅައި ހިންގާނެ ކަމަށެވެ.

އޭގެ ތެރޭގައި އާސަންދަ އާއި ސަބްސިޑީ ދިނުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ މާލިއްޔަތުން ވަމުންދާ އިސްރާފުތައް ކުޑަކުރުން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދަރަނީގެ ދެމެހެއްޓެނިވިކަން އަނބުރާ އިއާދަކުރުމުގައި މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވުމުގެ ކުރިން ވަނީ އެކުލަވާލައިފަ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަަރަށް ހުޅުވުމުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ.. ފޮޓޯ: ރައީސް އޮފީސް

ހުސްވި ހަފުތާގެ ނިޔަލަށް ސަރުކާރުގެ ވަޒީރުންގެ ނައިބުންގެ ގޮތުގައި 163 އަށް ވުރެ ގިނަ ބޭފުޅުން އައްޔަނުކޮށްފައިވެ އެވެ.

އަދި ރައީސް އޮފީހުގެ ވެބްސައިޓުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ސަރުކާރުގައި މި ވަގުތު ވެސް 77 ސްޓޭޓް މިނިސްޓަރުން އެބަތިއްބެވެ. އެ ފެންވަރުގެ އިތުރު އަށް ބޭފުޅަކާއި ރައީސް އޮފީހުގައި ތިއްބެވި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގެ ހަ ބޭފުޅަކާއެކު، ސްޓޭޓް މިނިސްޓަރުންގެ އަދަދު ވެސް 91 އަށް އަރާފައިވެ އެވެ.

މިއީ، މި ފަހުގެ ތާރީހެއްގައި މިނިސްޓަރުންގެ ފެންވަރުގައި ވެސް އެންމެ ގިނަ ބޭފުޅުން އައްޔަންކުރެއްވި ސަރުކާރެވެ. ބާވީސް މިނިސްޓަރުންގެ އިތުރުން، އެ ފެންވަރުގެ 20 މިނިސްޓަރުންނާއެކު، މި ސަރުކާރުގައި މި ވަގުތު 42 މިނިސްޓަރުން އެބަތިއްބެވެ.

ޑެޕިއުޓީ މިނިސްޓަރުންނަށް ވުރެ މަތީގެ މަގާމުތަކުގައި މި ވަގުތު 300 އެއްހާ ބޭފުޅުން އެބަތިއްބެވެ. އޭގެ އިތުރަށް، ސަރުކާރުން ވަނީ ޕޮލިޓިކަލް ޑިރެކްޓަރު އަދި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ ނަމުގައި މަގާމެއް އުފައްދައިފަ އެވެ.

އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރައްވަ އެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ވިދާޅުވީ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުވާނެ ކަމަށެވެ.