ދިވެހި ދައުލަތުގެ އެއްބާރުން އަނެއް ބާރަށް ބާރު ހުރިވަރު ދައްކައިގެން ލިބޭނެ ހެވެއް މޮޅެއް ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މި އަހަރަށް މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާ ނިމުމުން މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ ގާނޫނު އަސާސީން ދައުލަތުގެ ތިން ބާރު ވަކިކޮށް ގާއިމުކޮށްފައިވާއިރު ފާރަވެރިވެ ޖަވާބުދާރީ ކުރުވުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.
ކޮންމެ ބާރަކުން ވެސް އެ ބާރަކަށް ކަނޑައެޅިފައިވާ ތަރަހައިގައި ގާނޫނު އަސާސީ އާއި ގާނޫނީ ހަމަތަކުން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހްތިރާމު ކުރަންޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ނުކުރުމަކީ ދައުލަތުގެ ހަމަ ގެއްލިދާނެ ކަމެއް ކަމަށާއި އެއީ ދައުލަތަށް ހެވަކަށް ވާނެކަމެއް ވެސް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.
"ދައުލަތުގެ ތިން ބާރު ވަކިކޮށް ގާއިމުކޮށްފައިވާ އިރު، ފާރަވެރިވުމާއި ޖަވާބުދާރީ ކުރުވުމަކީ ކުރަން ޖެހޭ ކަމެއް. ކޮންމެ ބާރަކުން ވެސް އެ ބާރަކަށް ކަނޑައެޅިފައިވާ ތަރަހައިގައި ގާނޫނުއަސާސީ އާއި ގާނޫނީ ހަމަތަކުން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހުތިރާމު ކުރަން ޖެހޭ. އެކަން އެގޮތަށް ނުކުރުމަކީ ދައުލަތެއްގެ ހަމަ ގެއްލިގެންދާނެ ކަމެއް. އެއީ މި ދައުލަތަށް ހެވަކަށް ވާނެ ކަމެއް ވެސް ނޫން," އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވަނީ އެކަމާމެދު ދައުލަތުގެ އެންމެހާ އިސް ފަރާތްތަކާ ސިޔާސީ ޕާޓީތަކާއި މަޖިލީހުގެ މެންބަރުން ވިސްނައިވަޑައިގަތުމަށް އިލްތިމާސްކުރައްވާފަ އެވެ.
އަސްލަމް މިހެން ވިދާޅުވިއިރު މަޖިލީހުގައި އޮތް މެޖޯރިޓީގެ ބޭނުން ހިފާ މަޖިލީސް ނިމޭން ދެތީން މަހަށް ވެފައި ވަނިކޮށް އަދި ރައްޔިތުންގެ ވޯޓުން ފަސް އަހަރަށް އިންތިހާބު ކުރި ސަރުކާރަށް ދެތީން މަސް ނުވަނީސް ރައީސް މުއިއްޒު އަޒުލު ކުރެވޭނެ ގޮތެއް އެމްޑީޕީން ދަނީ ހޯދަމުންނެވެ.
މަޖިލީހުން ރުހުން ނުދިން ވަޒީރުން މިއަދު ރިޔާސީ ބަޔާން އިއްވި ޖަލްސާއަށް ވަޑައިގަންނަވާތީ އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން ވަނީ ޖަލްސާ ބޮއިކޮޓް ކޮށްފަ އެވެ. އަދި ކޮންމެ އަހަރަކު މަޖިލިސް ހުޅުވާ ޖަލްސާ އޮންނަ ދުވަހު ސަރުކާރު ބަންދުކުރިއަސް މިއަހަރުން ފެށިގެން ރިޔާސީ ބަޔާން އިއްވާ ދުވަސް ސަރުކާރު ބަންދުނުކުރުމަށް މިސަރުކާރުން ވަނީ ނިންމާފަ އެވެ.