މިދިޔަ ހަފްތާގެ ތެރޭގައި މުނިފޫހިފިލުވުމުގެ ދާއިރާއިން އެންމެ ވައިގައި ހިފި އެއް ހަބަރަކީ އަނުޝްކާ ޝަރުމާ އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެއިން ހަބަރެވެ.

އަނުޝްކާއާއި ވިރާޓްގެ ގާތް އެކުވެރިއެއް އެކަން އާއްމުކޮށް ޔަގީން ކޮށްދިނުމުން މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ ހަބަރު ފެތުރިގެންދިޔަ އެވެ.

އެހެން ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން އެ ހަބަރުތަކަކީ މުޅިން ދޮގު ހަބަރުތަކެއްކަން މިވަނީ އެނގިފަ އެވެ. އެކަން އެ ހަބަރު އިއުލާންކުރި އެކުވެރިޔާ ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ.

އޭނާ ބުނީ ކުރިން އެހެން ބުނެވުނީ އެރި އޮޅުމަކުން ކަމަށާއި އެކަން އެގޮތަށް ކުރެވުނީތީ ވިރާޓްގެ ދެމަފިރިންނާއި އާއްމުންގެ ކިބައިން ވެސް މައާފަށް އެދޭ ކަމަށެވެ.

2018 ވަނަ އަހަރު ކައިވެނިކުރި ވިރާޓްއާއި އަނުޝްކާއަށް އެމީހުންގެ އަލަތު ދަރިފުޅު ވަމިކާ ލިބުނީ 2021 ވަނަ އަހަރު އެވެ. މިފަހުން އެ ދެމީހުންނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަމަށް މީޑިއާގައި އަޑު ފެތުރިފައިވެ އެވެ.