އަޅުގަނޑު މިދިޔަ މަހުގެ ތެރޭގައި މ. ދިއްގަރަށް ދަތުރެއް ކުރީމެވެ. އެރަށުގައި އަޅުގަނޑު ހުރި އިރު މަސްވެރިން އެރަށް މަސްވިއްކަން ލަފައެވެ. މިހާ މަހުގެ އަގު މޮޅުކޮށް ހުރި އިރެއްގައި ދިއްގަރަށް މަސްވިއްކަން އަންނަ ބޭނުން ހޯދުމުގެ ނިޔަތުގައި، ދިއްގަރުގައި މަހުގެ ވިޔަފާރި ކުރާ ފަރާތްތަކާއި ވާހަކަ ދައްކާލުމުގެ ފުރުޞަތު ހޯދީމެވެ.

ދައުލަތުގެ މަސް ކުންފުނިން މިހާ އަގުބޮޑުކޮށް މަސްގަންނަމުންދާއިރު، ދިއްގަރަށް މަސްވިއްކަން އަންނާނީ، ޝައްކެއް ވެސް ނެތް މަހުގެ އަގު މިހާރު ވަރަށް މައްޗަށް އެރީމާ ކަމަށް އަޅުގަނޑު ލަފާ ކުރީމެވެ.

މަހުގެ އަގު ނުއަގަށް ވީމާ ވާގޮތް

ދިއްގަރުގެ މަހުގެ ވިޔަފާރި ކުރާ ފަރާތްތަކުން ވިދާޅުވީ މަސް ގަންނަނީ 17 ރުފިޔާއަށް ކަމަށެވެ. އެފަރާތްތަކަށް މަސް ގަންނަށް ލިބޭ ސަބަބަކީ، ވަގުތުން ފައިސާ ދޭތީ ކަމަށެވެ. ދައުލަތުގެ ކުންފުނިން ފައިސާ ލިބޭނެ ދުވަހެއް ނޭގޭނެ ކަމަށެވެ. އެއްމަސް ފަހުން ވެސް ލިބިދާނެ ކަމަށެވެ. އެހެން ނަމަވެސް މަސްވެރިން ޖެހޭނެ ނޫންހޭ، ކައިބޮއެ އުޅެން، ތެޔޮ އަޅަން، ސިގިރެޓު ބޯން، އެހެންވީމައި ހަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ވަގުތުން ފައިސާ ދޭ ފަރާތަކަށް ބާނާ މަސްކޮޅުން ބައެއް ކިރާލަން މަޖުބޫރުވާ ކަމަށެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިގޮތުގައި މިސަރުކާރު ހަވާލުވީ ފަހުން މިހާރު ވެސް ވާނީ 329 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައި ކަމަށެވެ. އަދި ޚަބަރުން އަޅުގަނޑު ކިޔާލެވުނު، 200 މިލިއަން ރުފިޔާ ދައުލަތުގެ މަސް ކުންފުނިންް މަސްވެރިންނަށް އަދިވެސް ދަރާ އެބައޮތް ކަމުގައެވެ.

މަސްވެރިކަމުގެ ސިނާއަތު، ރާއްޖޭގެ އެހެން ސިނާތް ފަދައިން ބައްޓަން ކުރަން ނޫޅެނީ ކީއްވެގެންބާވައެވެ. މަސްވެރިކަމުގެ ސިނާއަތު އަބަދުވެސް އޮންނަނީ ވަރަށް ސިޔާސީވެފައެވެ. ސަރުކާރުތައް އޮންނަނީ މަސްވެރިން ފަރާތުން އައިސްދާނެ ފާޑުކިޔުމަކަށް ޖެހިލުންވެފައެވެ. ބަލަބަލައެވެ.

މިދާކަށް ދުވަހު މަސްވެރިއަކު އުދާސްތައް ބަންޑުކޮށްލި ވީޑިއޯ ކުލިޕެއް މީސްމީޑީއާގައި ވަރަށް ހަރުކޮށް ދައުރުވަމުން ދިޔައެވެ. ސިޔާސީ ބޭފުޅުންވެސް މީގެ ފުރިހަމަ ބޭނުން ހިފަމުން ގެންދިޔައެވެ. މަސްވެރިޔާގެ މައިގަޑު ބަހަކީ ސަރުކާރު ވެރިކަމަށް ގެނައީ އެމީހުންގެ މަސައްކަތުން ކަމަށާއި އަދި ވެރިކަމުން ބާލާނީ ވެސް އެމީހުން ކަމަށެވެ. ވާހަކަ ހުރީ އެހެން ރައްޔިތުންގެ ވޯޓެއް އަދި ބަހެއް ނެތި، ހިނގާދިޔަ ކަންތައްތަކެއްގެ މޭރުމަކުންނެވެ. ފެނިގެންމިދަނީ، މަސްވެރިންނަކީ އެހާވެސް ބާރުގަދަ ޖަމާއަތެއް ގޮތަށެވެ.

މަސްވެރިކަމުގެ ސިނާއަތު ހުޅުވާލުން

މަސްވެރިކަމުގެ މައްސަލާގައި އަބަދުވެސް ސަރުކާރަށް ކަންކަން އަމާޒުވެގެން އަންނީ، ސަރުކާރު މިވިޔަފާރީގައި ސީދާ ހަރަކާތްތެރިވާތީއެވެ. ދެވަަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު، ރާއްޖެ ބަޑަށް ޖެހިގެން، މަސްވެރިކަމުގެ ވިޔަފާރި ތެރެއަށް ސަރުކާރުން ވަން ގޮތަށް އަދިވެސް މިއުޅެނީ މިވިޔަފާރިން ފޭނުވެވިގެނެވެ.

އިގްތިސާދީ މާހައުލު މިއަދު ބަދަލުވެއްޖެއެވެ. ނަމަވެސް ސަރުކާރުތަކުން މަސްވެރިކަމުގެ ވިޔަފާރި ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިނެތެވެ. ސަރުކާރުތަކުން ބަލަނީ ކުދިކުދި އެބުރުންތަށް އަނބުރާގެން ހައްލެއް ހޯދޭނެ ގޮތެއް އޮތްތޯބަލާށެވެ. ބައެއް ސިޔާސަތުތައް ބަދަލުކޮށްފައި އެބަހުއްޓެވެ. ހިކިކަނޑުމަހުގެ ވިޔަފާރި، 90 ގެ އަހަރުތަކުގައި އާންމު ފަރާތްތަކަށް ވަނުމަށް ހުޅުވާލިއެވެ. މިއަދު މިވިޔަފާރީގައި ތިބީ އާންމު ވިޔަފާރިވެރިންނެވެ.

ދައުލަތުގެ މަސްކުންފުނީގެ ބައެއް ހަރުމުދާ 2000ގެ އަހަރުތަކުގެ ތެރޭގައި އަމިއްލަ ފަރާތްތަކަށް ދޫކޮށްލިއެވެ. ވިއްކާލިއެވެ. މިއަދުވެސް ލ. އަތޮޅުގައި އެ ފެސިލިޓީ އިތުރަށް ތަރައްޤީކޮށްގެން ވިޔަފާރި ކުރިއަށް އެގެންދަނީއެވެ.

ބޮޑުކަންނެލީގެ ވިޔަފާރި އޮތީ ޕްރައިވެޓް ވިޔަފާރި ވެރިންގެ އަތުގައެވެ. ކޮލިޓީއަށްވެސް އަދި އެހެންވެސް މައްސަލަަތަކެއް ކުރިމަތިނުވެ މަސްވެރިންނާއި ވިޔަފާރިވެރިން، ގުޅިގެން ވިޔަފާރި ކުރިއަށް ދަނީއެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ސަރުކާރުގެ ދައުރު ބާއްވަން ބޭނުންވޭ

ދެން މިއޮތްބައި ޕްރައިވެޓައިޒް ނުކުރެވިގެން އުޅެނީ ހުރަސްތެެއް ގައިމު ހުރީމައެވެ.

  • 2000 އަހަރުތަކުގައި ކަޅު ބިލަމަހުގެ ވިޔަފާރި ތެރެއަށް ވަންގިނަ ވިޔަފާރިތަށް ފެނުނީ އިފުލާސްވެގެން ދިޔަތަނެވެ. ވިޔަފާރީގައި ދެމި އޮތްތަށް ފެނުނި ހޮރައިޒަން ފިޝަރީޒެވެ. އެވިޔަފާރި ވެސް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދި ދުވަސްވަރެއް ވެސް ދިޔައެވެ. މިހެން އޮއްވާ ސަރުކާރު، މަސްވެރިކަމުގެ ވިޔަފާރިން ނިކުމެއްޖެ ނަމަ، ސިޔާސީގޮތުން ހަރަކާތްތެރިވާ ފަރާތްތަކެއްގެ އަތްމައްޗަށް މި ވިޔަފާރި އެއްކޮށް ދިއުމަކީ އެވަގުތަކު އޮންނަ ސަރުކާރަކަށް، ދަތިތަކެއް ކުރިމަތިވާނެކަމެއް ގޮތަށް ދެކެވެނީއެވެ.
  • އަނެއްކާވެސް ދެންނެވޭނީ މިއަދުގެ ހާލަތު ބަދަލުވެއްޖެ ކަމަށެވެ. މިއަދު ކޭނަރީ ހިންގާ ފަރާތްތަކާއި ބޮޑުކަންނެލީގެ ފެކްޓަރީތައް ހިނގާ ފަރާތްތަކާއި ކޯލްޑް ސްޓޯރޭޖު ގެންގުޅޭ ފަރާތްތަކުން، ކާމިޔާބުކަމާއެކު މަސްވެރިކަމުގެ ވިޔަފާރީގައި ދެމިތިބިތަން އެބަ ފެނެއެވެ.
  • ދައުލަތުގެ މަސްކުންފުންޏާއިި އަދި މަސްވެރިންގެ އާބާދީ އެއްކޮށް ބަލާލީމައި މިއީވަރަަށް ބޮޑު އާއިލާއެކެވެ. ބޮޑު ޖަމާއަތެކެވެ. ކޮންމެ ރިޔާސީ އިންތިހާބެއްގައި، މި އާބީދީއަށް އަމާޒުކޮށް، ކޮންމެ ސިޔާސީ ޕާރޓިއެއްގެ މެނިފެސްޓޯގައި ކަންތައްތަކެއް ހިމަނަންޖެހެނީ މިހެން ވެގެންނެވެ. އެހެންވީ މިޖަމާއަތަށް ފަހިވާގޮތަށްް ކަންކަން ކުރަން މަޖުބޫރުވަނީއެވެ.

ދައުލަތުގެ މަސްކުންފުނިން ފައިދާ ނުވޭ

އަޅުގަނޑުމެން އަޑުއަހަމުން މިއަންނަނީ، 90 ގެ އަހަރުތަކުން ފެށިގެން ވެސް، ދައުލަތުގެެ މަސްކުންފުނި ގެއްލުންވާ ވާހަކައެވެ. ފައިދާ ކުރެވޭނެގޮތެއް ހައްލެއް، ހަމަ އެއްވެސް ސަރުކާރަކަށް ބުނެ ނުދެވުނެވެ. އެއްފަހަރު ކުންފުނި ބައިބައި ކުރާނެއެވެ. އަނެއް ފަހަރަކު ކުންފުނި އެއްކުރާނެއެވެ. ކުންފުނީގެ ކެޕޭސިޓީ އިތުރުކޮށް، އިންވެސްޓްކޮށްގެން ފައިދާ ކުރެވޭނެ ކަމަށް ބުނާނެއެވެ. ފައިދާ ނުވީމައި ފައިދާވާ ކުންފުންފުންޏެއްގެ ސަބްސިޑިއަރީއަކަށް ހަދާނެއެވެ. ދެން މިހާރު ވަކި ކޮންފުންޏަކަށް ބަދަލުކޮށްފިއެވެ. މިހާރު ހުންނާނީ ލައްކަ ގިނަ ޕްރޮޖެޓް ހިނގިފައެވެ. ގިނަ ބޯޓް ވެސް ގަނެވިފައެވެ. ފައިދާ ވާތަން ނުފެނެއެވެ.

ކުންފުނި އޮތީ ވަރަށް ސިޔާސީކޮށެވެ. ކޮންމެ ރިޔާސީ ބަދަލަކާއެކު ކުންފުނިތެރޭން، މީހަކު ކުންފުނި ހިންގުމާ ހަވާލުކުރާނެއެވެ. މިފަހަރު ފެނުނީ ކުންފުނި ހިންގުމާއި ކުންފުނީގެ ބޭރުން ބޭފުޅަކު ހަވާލުވި ތަނެވެ. މިއަދު މަސްވެރިން ބާނާ މަހަށް ފައިސާ ދައްކުމުގެ ޒިންމާ އަދާކުރާތަން ފެންނަނީ ރައީސުލު ޖުމްހޫރިއްޔާ އާއި ފިޝަރީޒް މިނިސްޓަރެވެ.

ރައީސް ވިދާޅުވީ ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންގެ ފައިސާ ދައްކަވާނެ ކަމަށެވެ. ދައުލަތުގެ މަސް ކުންފުނީގެ ޒިންމާ އޮތްތަނެއް ނުފެނެއެވެ.

އަޅުގަނޑުގެ ރަޙްމަތްތެރި ހަސަން މުހައްމަދަކީ، ފައިނޭސާއި އެކައުންޓްސްގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. ހަސަންގެ ފޭސްބުކު ސްޓޭޓަސްގައި ލިޔުންވާފައި އޮތީ، ލޯނެއް ނަގައިގެން މަސްވެރިންނަށް މަހުގެ އަގު ދިނުމަށް ވުރެން މަސްވެރިންނަށް މުސާރައެއް ހަމަޖެއްސުން ރަނގަޅުވާނެ ކަމަށެވެ.

އަޅުގަނޑަށް އިނގޭ މީ ހަސަނު ލާނެއް ކަމުން ލިއްޔުވި ސްޓޭޓަސެއްކަން، ނަމަވެސް އަގު ނުދެވެންޏާ ދެން މުސާރައެއް ނަމަވެސް ދޭންވީނުންތޯއެވެ.

ދައުލަތުން ވިޔަފާރި ކުރާއިރު ހުންނަ ގޮންޖެހުން

ސަަރުކާރުން ވިޔަފާރި ހިންގާއިރު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރެއެވެ. ހަރަދު ކުޑަކޮށް ކަންކަން ކުރުމަކީ، ވުމަށް ވުރެ ނުވުން ގާތްކަމެކެވެ. މަސް ގަންނަން ޖެހޭނީ ސިޔާސީގޮތުން ކަނޑައަަޅާ އަގުތަކަކަށެވެ. ހިނގަން ޖެހޭނީ ސިޔާސީގޮތުން ފައިދާ ކުރާނެ ޕްރޮޖެޓްތަކެވެ.

އަޑު އިވެނީ ސަރުކާރުގެ ކުންފުނީގެ ބޯޑުގައި ވެސް މަސްވެރިން ތަމްސީލުވާން ޖެހޭނެ ކަމަށެވެ. ސިޔާސީ ގޮތުން ވަރަށް ސަޅި ނިންމުމެކެވެ. މަސްވެރިން މިވަނީ، ކުންފުނީން ތައިލޭންޑަށް ވިއްކާ މަސް ރިޖެޓުވާ ގޮތުގެ އޯޑިޓެއް ހެދުމަށް ގޮވާލާފައެވެ. އަދި މިކަމަށް މަސްވެރިން، ހަރަދުކޮށްފާނެ ކަމަށް ވެސް ދޭހަވާ ގޮތަށް އިންޓަވިއުއެއްގައި ވާހަކަ ދެކެވުނު އަޑު އެހީމެވެ.

ކުންފުނީގެ ހިންގުމުގެ ތެރެއަށް މަސްވެރިން ނުފޫޒު މިވައްދަނީއެވެ. ނޫނީ ނުފޫޒު ހުރިވަރު މިފެންނަނީއެވެ. މިއީ މަސްވެރިން އެދެންޖެހޭ ކަމަކަށް ވުރެ ބޮޑަށް ކުންފުނީގެ އިންޓާނަލް އޯޑިޓުން ކުރަން ޖެހޭ ކަމެކެމެވެ. އިންޓާނަލް އޯޑިޓާއި ކޮލިޓީ ބަލަހައްޓައި ޑިޕާޓްމަންޓަށް އާންމުކޮށް ރިޖެޓްވާ އިންސަތަ އެނގޭނެއެވެ. ތަފާތު ބޮޑުވާނަމަ އެއީ ސުވާލު އުފައްދަންޖެހޭ ހިސާބެވެ.

ކުންފުނި ހިންގާނެ ރަނގަޅު މުވައްޒަފުން ހޯދައި ވަޒީފާގެ މަސްއޫލިއްޔަތާއި ޒިންމާ ހަވާލުކުރުމަކީ ދެން ހުރި އަނެއް ގޮޖެހުމެވެ. ގާބިލު މެނޭޖިން ޑައިރަކްޓަރަކާއި ބޯޑު މެންބަރުން ހޯދުމަށް އާންމު އިޢުލާނެއް ނުކުރާނެއެވެ. އެެހެންވީމާ ޕިސީބީ އައްޔަންކުރާ ބޭފުޅުންނަކީ ސިޔާސީ އޮއިވަރު ތެރޭން އައްޔަންކުރާ ބޭފުޅުންނެވެ. އަދި ޕީސީބީއަކު ކުންފުނި ހިނގުމުގައި ދިމާވާ ގޮންޖެހުންތަށް ހައްލުކުރަން ދަންނަ ސެކްރެޓޭރިއަޓެއް ނޯންނާނެއެވެ. މި މައުޞޫއަށް އެހެން ފަހަރަކުން އަލިއަޅުވާލާނަމެވެ.

ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނިޒާމު މުރާޖާކުރަން އެބަ ޖެހެއެވެ. ސިޔާސީގޮތުން ވަޒީފާ ލިބޭތަންތަން ގޮތުގައި އޮތުން ބަދަލުވެ، ގާބިލުކަމާއި ހުނަރަށް ބަލައި ވަޒީފާއަށް ހުޅުވޭ ކުންފުނިތަކަށް ބަދަލުވާންޖެހެއެވެ. ދައުލަތުގެ ކުންފުނި ހިންގުމުގެ އޮނިގަނޑު މިހާރު އޮތް ގޮތަށް އޮއްވައި ކިތަންމެ ގާބިލު މީހަކު ކުންފުނި ހިންގަން ލިޔަސް އެންމެ އެކަށީގެންވާ ނަތީޖާ ނުނެރޭވޭނެއެވެ. ސަބަބަކީ ކުންފުނިތަކުގެ އެތެރޭގަ އާއި ބޭރުގައި އޮންނަ ސިޔާސީ ނުފޫޒު ބޮޑުކަމުންނެވެ. ސިޔާސީ ނުފޫޒު ސަރުކާރު ތެރެއިންނާއި މަޖްލިސް މެންބަރުންގެ ފަރާތާންނާއި ސިޔާސީ ހަރަކާތްތެރިންގެ ފަރާތުން ވެސް އެތަށް ގޮތަކަށް ކުންފުނިތަކަށް ފޯރާނެއެވެ.

ވިލާތުގެ އިއްތިހާދުން ރާއްޖޭގެ މަހަށް ނަގާ ޓެކްސް

ރާއްޖޭގެ މަހަށް ވިލާތުގެ އިންތިހާދުން ނަގާ ޓެކްސް ކުޑަކުރުމަށް ސަރުކާރުތަކުން ވަނީ ވަރަށް މަސައްކަތް ކޮށްފައެވެ. ރާއްޖޭން މިކުރަނީ ތިމާވެއްޓާއި ރަޙްމަތްތެރި މަސްވެރިކަންކަން، އެއްވެސް ބަހުސެއް ނެތި ދުނިޔެ ގަބޫލުކުރެއެވެ. ދެން އެހެން ކަމަށް ވަންޏާ، ކިއްވެތޯ ވިލާތުގެ އިއްތިހާދުން ރާއްޖެއަށް މިވަރުގެ ތުރާލެއް މިޖައްސަނީ؟ ރާއްޖޭގެ މަސްވެރިން ފަދައިން ޔޫރަޕުގެ މަސްވެރިންނަކީ ވެސް ވަރަށް ނުފޫޒުގަދަ ބައެކެވެ. އެވެރިންނަކީ ދާ އަޅާގެން މަސްވެރިކަން ކުރާ ބައެކެވެ. ރާއްޖެއަކީ ދާއެޅުމާއި އިދިކޮޅަށް ވަކާލާތުކޮށް އެކަމާ އިދިކޮޅަށް ވޯޓު އަޅާ ގައުމެކެވެ. ރާއްޖޭގެ މަސްވެރިންނެއް ބައިނަލްއަގުވާމީ ކަނޑުތަކުގައި މަސްވެރިކަން ނުކުރާނެއެވެ.

ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ބާލަމުންމިގެން ދަނީ މިކަމުގެ ހަސަދައެވެ. މިކަމުގައި ހައްލެއް ހޯދުމަށް ރާއްޖެ މަސައްކަތްކުރަނީ ޑިޕްލޮމެޓިކް މަގުންނެވެ. މި ވީހާ ދުވަހު މިޗެނަލްތަށް މެދުވެރިކޮށް ކުރެވުނު މައްސައްކަތުން ލިބުނު ނަތީޖާއެއް ނެތެވެ. ވިލާތުގެ އިއްތިހާދުގެ ތިމާވެށީގެ ލޮބީ ގުރޫޕުތަށް، މެދުވެރިކޮށް ރާއްޖެ މަސައްކަތް ކުރާތަނެއް ނުފެނެއެވެ. ވިލާތުގެ އިއްތިހާދަށް ރާއްޖޭން ފޮނުވާ މަހަށް، ދައްކަންޖެހޭ ޖިޒީ ކަނޑާލުމަށް ރާއްޖެ މަސައްކަތް ކުރާ ގޮތް ބަދަލުކުރަން އެބަޖެހެއެވެ.

މަހުގެ ހަމަ އަގު ކިޔަންވީ ކިހިނެއް

ވޭތުވެ ދިޔަ ފަސް އަހަރެއްހާ ދުވަހު ދުނިޔޭގެ މަހުގެ އަގާއި އަދި ރާއްޖޭން މަސް ގަންނަ އަގުތަށް، ސަރުކާރުން ދިޔައީ މީޑިއާ މެދުވެރިކޮށް ހާމަކުރަމުންނެވެ. ވިޔަފާރި ހަމައަކީ، ބޭރު ދުނިޔޭގެ ބާޒާރުން ލިބެން ނެތް އަގަކަށް ރާއްޖޭގައި، މަހުގެ އަގު ނޫފުލޭނެ ކަމެވެ. އެކަމު އަޅުގަނޑުމެނަށް ފެނިފައި އެބަހުރި، ދައުލަތުގެ މަސް ކުންފުނިން މިނޫން ގޮތަށް ވެސް ކަން ކުރަމުން ދިޔަ ތަން، އެހެން ކަމުން މިވިޔަފާރީގައި ހަރަކާތްތެރިވާ، އަމިއްލަ ވިޔަފާރިތަކަށް ދިޔަައީ ފޫބައްދަން އުނދަގޫ ގެއްލުން ވަމުންނެވެ.

އެއްޗެއްގެ އަގެއް ކަނޑައެޅުމުގެ ގޮތްތަކެއް ހުރެއެވެ. އެއީ ހަރަދު ކަނޑައި އަގެއް ދިނުން، ބާޒާރުގައި އެންމެން ގަބޫލުކުރާ އަގެއް ދިނުން، ދެން ޑިމާންޑާއި ސަޕްލައިއަށް ބަލައި އަގު ކަނޑައެޅުމެވެ. ދަޢުލަތުގެ މަސް ކުންފުނިން އަގު ކަނޑައަޅާފައި ހުރީ މިއިން އެއްވެސް ކަމަކަށް ރިއާޔަށް ކޮށްގެން ކަމަކަށް ނުފެނެއެވެ.

މަސްވެރިން ބޭނުންވާނީ އެންމެ ބޮޑުއަގެކެވެ. އެކަމުގައި ސިޔާސީ އަގު، މަހުގެ އަގަށް ލީމައި ސަރުކާރުން ދައްކަންޖެހޭ އަގު ވަރަށް ބޮޑެވެ. އިގްތިސާދަށް ގެއްލުވެއެވެ. މަސްވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް އަސަރުކުރެއެވެ. ސަރުކާރުގެ ބަޖެޓުން، އެތަށް މިލިއަން ޓެކްސް ފައިސާއެއް، ވަކި ސިނާއަތަކަށް އަޅަމުން ގެންދަނީއެވެ.

މަސްވެރިކަމުގެ ދާއިރާގައި ދިގު ޒަމާންތަކެއް މަސައްކަތް ކުރައްވާ، ހިދުމަތެގެ އިނާމު ލިބިލައްވާފައިވާ އިބްރާހިމް ހަލީލު އެކްސް ޕޯސްޓެއްގައި އޮތްތަން އަޅުގަނޑަށް ފެނުނު، މަސް ޓަނެއް ބާނާގެން ކިރާ ޖެޓީއާ ހަމައަށް، އެވްރެޖުކޮށް ޖެހޭނީ ގާތްގަޑަކަށް 5000 ރުފިޔާ ކަމަށެވެ. އެހެން ކަމަށް ވަނީ ނަމަ ދެން 25ރ މަހުގެ އަގު ހުރީމާ މިއީ 400 ޕަސެންޓް ފައިދާގެ ވިޔަފާރިއެކެވެ. މިއީ ކުރަން އެންމެ ބަރާބަރު ވިޔަފާރިއެވެ.

ކުރިމަގު ބައްޓަން ކުރަންވީ

މިފްކޯގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އާދިލް ސަލީމް ވިދާޅު ވަނީ ބާނާ ހުރިހާ މަހެއް ނުކިރޭނެ، އަދި ލިބެން ނެތް އަގެއް ނުދެވޭނެ ކަމަށެވެ. މިއަދުގެ މަސްވެރިކަމުގެ ވިޔަފާރީގައި ޖާގައެއް މިފްކޯއަށް އޮތްކަމުގައި ނުދެކޭ ކަމަށެވެ.

މިއަދު މަސްވެރިކަމުގެ ވިޔަފާރިން ސަރުކާރުން ނިކުންނަން ޖެހޭ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ވިޔަފާރި ހިންގުމުގައި މިއަދު ސަރުކާރާއި ޕްރައިވެޓް ސެކްޓަ ވާދައެއް ނުކުރެވޭނެއެވެ. އެއްހަމައެއްގައި ވާދަކުރެވޭނެ ހަކަތައެއް އެއްވެސް ސަރުކާރަކު ނުހުންނާނެއެވެ. ހާއްސަކޮށް ދައުލަތުގެ ކުންފުނި ހިންގުމުގެ ނިޒާމު މިއަދު އޮތްގޮތުން، މިދަންނަވާ ވާދަވެރިކަމަށް ތަނެއް ނުދެއެވެ.

ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު މިއަދު މި ހިނގަނީ އެކަކު އަނެކަކުގެ އޮނުނިވާކޮށްގެނެވެ. އެއް ކުންފުނި އިނދަޖެހިގެން ދާއިރު ވެސް ކުންފުނީގެ މޭންޑޭޓުން ބޭރުން ފުރިހަމަ ކޮށްދޭން ޖެހޭ ޒިންމާތައް ހުރެއެވެ.

މިގޮތަކަށް ތާއަބަދަށް ކުންފުނި ނުހިންގޭނެއެވެ. މިއަދު ދައުލަތުގެ އެންމެ ބޮޑެތި ކުންފުނިތައް ވެސް އެތިބީ ކަރުތާފެނުގައޭ، ބުނުމުން ދޮގަކަށް ނުވާނެއެވެ.

ދައުލަތުގެ މަސް ކުންފުނި ޕްރައިވެޓައިޒް ކުރުމަކުން އެކުންފުނީގެ ވަޒީފާތައް ނުގެއްލޭނެއެވެ. މިއީ ޖެހިލުންވާން ޖެހޭނެކަމެއް ނޫނެވެ. މަސްވެރިންނަށް މަހަށް އެކަށީގެންވާ ހަމަ އަގު ލިބޭނެއެވެ.

އެޑިޓަރުގެ ނޯޓް: އަލީ ޚާލިދަކީ ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ. މީގެ އިތުރުން މިފްކޯގައި އިސް މަގާމެއް އަދާކުރި އަލީ ވަނީ ރާއްޖޭގެ މުއާސަލާތީ ދާއިރާ ވާދަވެރިކަމަށް ހުޅުވާލުމާއި ގުޅިގެން އަލަށް މާކެޓަށް ނުކުތް ވަތަނިއްޔާގެ ސްލޭސް ޑިޕާޓްމަންޓް ގާއިމުކުރުމުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވެފަ އެވެ. އޭނާ މަތީ ތައުލީމް ހާސިލުކުރީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލި އާއި މެލޭޝިއާ އިންނެވެ.