ގޭންގަކީ ކޮބައިކަން ފަސޭހައިން ކަނޑައެޅޭ ގޮތް ހެދުމަށް ގޭންކު ކުށްތައް މަނާކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ މިހާރު ގާނޫނު އޮތްގޮތުން ގޭންގަކީ ކޮބައިކަން ގާނޫނީގޮތުން ބެލެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެހެންވެ ގާނޫނަށް އިސްލާހު ގެންނަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނަށް ގެންނަންޖެހޭ އިސްލާހު މިހާރު ޑްރާފްޓްކޮށް ނިމިފައިވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

"ކޮބައި ހެއްޔޭ ގޭންގަކީ، ގޭންގެއްގެ ޑެފިނީޝަން ފަސޭހައިން މާނަކުރެވޭނެ ގޮތްތައް އަދި އެ މާނަ އަކީ ޕްރެކްޓިކަލީ ވެސް ކުރެވޭ މަސައްކަތުން އެ ގޭންގް ޑެފިނީޝަން އަށް އެ ފެތޭ ބަޔަކީ ކޮބައިތޯ ކަނޑައެޅުން ތަންކޮޅެއް ފަސޭހަ ވަގެންދާނެ،" ޝުޖާއު ވިދާޅުވި އެވެ.

މީގެ 12 ވަރަކަށް އަހަރުކުރިން ވުޖޫދުވި ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށިއިރު ވެސް އެ ގާނޫނަކީ ވާތްގެއް ނެތް އެއްޗެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ އޭރުގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެފައިވެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ އެ ގާނޫނުގެ ދަށުން މިހާތަނަށް ދައުވާ ކުރެވިފައި ވަނީ އެންމެ މައްސަލައެއްގައި ކަމަށެވެ. އެހެންކަމުން އެ ގާނޫނުގެ ބޭނުން ނުހިފޭކަން އެކަމުން ވެސް އެނގޭ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގައި ފުޅާވަމުން އަންނަ ގޭންގު ކުށްތައް ހުއްޓުވުމަށް ހުރިހާ ސަރުކާރުތަކުން ވެސް ވަނީ ނުކުޅެދިފަ އެވެ.