މިއަހަރަށް ލަފާކުރި އާމްދަނީ ދައުލަތަށް ނުލިބޭތީ، ބަޖެޓުގެ ޖުމްލަ ޚަރަދު 31 ބިލިއަން ރުފިޔާއަށް ކުޑަކުރުމަށްފަހު އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގޮތަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީގެ އިސް އޮފިޝަލަކު "ހުރިހާ"އަށް މިއަދު ވިދާޅުވީ މަޖިލީހުން މިއަހަރަށް ފާސްކުރި 37 ބިލިއަން ރުފިޔާގެ ބަޖެޓްގެ ހަރަދުތައް ކުޑަކުރާ ނަމަ އެކަން މަޖިލީހަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި އެކަން މަޖިލިސް އަންނަ ދައުރަށް ހުޅުވުމުން އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮވިޑާ ގުޅިގެން ބަޖެޓުގެ ޚަރަދުން އެއް ބިލިއަން އުނިކުރާނެކަން ކުރިން ވެސް ވާނީ އާއްމުކޮށްފައި. ނަމަވެސް މިހާރު އެއަށްވުރެ ކުޑަކުރަން އެބަޖެހޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޖެޓް ރިވައިސްކުރުމަށްފަހު ހުށަހަޅާއިރު، އަންނަ މަހުގެ 31 ވަނަ ދުވަހު 2021 ވަނަ އަހަރުގެ ބަޖެޓް ފޮނުވާނެ ކަމަށެވެ. އަދި އެ ބަޖެޓްގެ ހަރަދުތައް މިއަހަރުގެ ބަޖެޓަށް ވުރެ ކުޑަވާނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
"އަންނަ އަހަރު ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭނީ ޓެކްސްއިން. އޭގެ އިތުރުން އާމްދަނީ އިތުރަށް ހޯދާނެ އާ ކަންތައްތަކެއް ވެސް ހުށަހަޅާނެ،" އޭނާ ވިދާޅުވި އެވެ.
ފިނޭންސްގެ އޮފިޝަލް ވިދާޅުވީ 2019 ވަނަ އަހަރު ދައުލަތަށް އާމްދަނީ ލިބުނު މިންވަރަށް އާމްދަނީ ލިބެން ފަށާނެ ކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރު ކަމަށެވެ.
"ކޮވިޑްގެ ކުރިން ލިބުނު މިންވަރަށް އާމްދަނީ އިތުރުވާނެ ކަމަށް އަޅުގަނޑުމެން ލަފާކުރަނީ ދެ އަހަރު ފަހުން. އެ މިންވަރަށް ވުރެ އިތުރަށް ލިބޭނީ 2013 ވަނަ އަހަރު ކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާ އެވެ. މި އަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް މިދިޔަ އޮގްސްޓު މަސް ނިމުނު އިރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 46 ޕަސެންޓު ދަށްވެފަ އެވެ. މިހާތަނަށް ދައުލަތަށް ލިބިފައިވަނީ 8.8 ބިލިއަން ރުފިޔާ އެވެ.
ދައުލަތަށް މިއަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާ އެވެ. އާމްދަނީ ލިބުން އެންމެ ބޮޑަށް މަދުވީ މިދިޔަ މާޗް މަހު ފަހުކޮޅު ރާއްޖޭގެ ބޯޑަރު ބަންދުކުރުމުންނެވެ. ނަމަވެސް ޖުލައި 15ވަނަ ދުވަހުން ފެށިގެން އަލުން ބޯޑަރު ހުޅުވުމުން ޓޫރިސްޓުން މަޑުމަޑުން އަންނަނީ އިތުރުވަމުންނެވެ.