ގިނަ އަދަދެއްގެ ބައިވެރިންނާއެކު ދުބާއީގައި ރާއްޖެއަށް ހާއްސަ އިންވެސްޓްމަންޓް ފޯރަމެއް ބާއްވައިފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުންނާއި ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވުމުގެ މަގުސަދުގައި ބާއްވާ މި ފޯރަމަކީ ރާއްޖޭގައި ހުރި ތަފާތު އިންވެސްޓްމަންޓް ފުރުސަތުތައް ދައްކުވައިދޭ ފޯރަމެކެވެ.

މި ފޯރަމަކީ އިންވެސްޓް މޯލްޑިވްސް އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބާއްވާ ފޯރަމެކެވެ. މި ފޯރަމްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަގްރީރުގެ އިތުރުން، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ހާއްސަ ފުރުސަތުތައް ދައްކާލުމަށް ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލުން އޮތެވެ. އެ ފޯރަމްގައި ގާތްގަނޑަކަށް 280 ވަރަކަށް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އެ ފޯރަމްގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ވަރަށް ގިނަ މަޝްރޫއުތަކާއި ސިޔާސަތުތައް ސަރުކާރުން ރާވާފައިވާ ކަމަށެވެ. އެހެންކަމުން ދިވެހި ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކުގައި އިންވެސްޓަރުން ބައިވެރިވުމަށް ރައީސް އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވީ، އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމް ކުރުމަށްޓަކައި ފޮރިން އިންވެސްޓްމެންޓްގެ އާ ގާނޫނެއް އެކުލަވައިލަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އާ ގާނޫނު ވުޖޫދަށް އައުމުން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްތައް އުފައްދައިގެން ވެސް ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު އެކުވެރި އަރަބި އިމާރާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މި މަހުގެ 12 އިން 14 އަށް ބާއްވާ ވޯލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.