ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ވާދަކުރެވޭވަރުވީ 10 ކެންޑިޑޭޓުންނަށް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ކުރިއަށް އޮތް އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރާ އިރު ޖޭޕީން ވާދަކުރަން ނިންމި 10 ދާއިރާގެ ތެރޭގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވަމުން ގެންދަވާ މާމިގިލީ ދާއިރާ ހިމެނެ އެވެ. ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވާދަކުރައްވަނީ ޕީއެންސީ އާއި އެމްޑީޕީން ވެސް ވަރުގަދަ ޕްރައިމަރީއަކާ އެކު ކެންޑިޑޭޓުން ނެެރެފައިވާ ހުޅުމާލެ ދެކުނު ދާއިރާއަށެވެ. ނަހުލާގެ ފޯނު އިއްޔެ ހުށަހެޅީ އޭނާގެ މަންމަ ހއ. ހޯރަފުށީ ޚަދީޖާ އިބްރާހިމް (ހަދީ) އާއި ބައްޕަ ގއ. ގޮނޑޭ ހަސަން ޒަރީރު (ޒަރީރު) އެވެ.
އިންތިޚާބުގައި ޖޭޕީން ވާދަކުރާ ދާއިރާތައް
- މާމިގިލީ ދާއިރާ - ލީޑަރު ގާސިމް އިބްރާހިމް
- ހުޅުމާލެ ދެކުނު ދާއިރާ - އައިޝަތު ނަހުލާ
- ކެންދޫ ދާއިރާ - އަލީ ހުސައިން (މިހާރު ވެސް އެ ދާއިރާގެ މެންބަރު )
- ހެންޥޭރު ހުޅަނގު ދާއިރާ - ޑރ. އަމީން އިބްރާހިމް (ޑެޕިއުޓީ ލީޑަރު)
- އުންގޫފާރު ދާއިރާ - އަބްދުﷲ އަމީން ( ކުރީގެ ހެލްތު މިނިސްޓަރު)
- ދުވާފަރު ދާއިރާ - އަޒްލީން އަހުމަދު (ކުރީގެ ހޯމް މިނިސްޓަރު)
- ދުތިނަދޫ އުތުރު ދާއިރާ - އަބްދުﷲ އަހުމަދު (ކުރީގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު)
- ނޮޅިވަރަމް ދާއިރާ - ހުސައިން ޝަހުދީ (ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު)
- ދާންދޫ ދާއިރާ - ނިސާމާ މުހައްމަދު (ޖޭޕީގެ އަންހެނުންގެ ލީގުގެ ރައީސާ)
- ދުއޭދަފުށީ ދާއިރާ - މުހައްމަދު ނާސިރު
އިލެކްޝަން ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުގައި ޖޭޕީގައި ވިއްސަކަށް ހާސް މެންބަރުން ތިބި ނަމަވެސް މިދިޔަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ލިބުނީ ފަސްހާހެއްހާ ވޯޓެވެ. އެ ދަށް ނަތީޖާ އެކު ޕާޓީގެ ސީނިއާ އެތައް ބަޔަކު ވަނީ ޖޭޕީ ދޫކޮށް، އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އަށާއި ޕީއެންސީ އަށް ބަދަލުވެފަ އެވެ.
ޖޭޕީ ތަމްސީލް ކުރަން މަޖލީހުގައި މިހާރު ތިބީ ގާސިމް އާއި އަލީ ހުސައިން އެކަންޏެވެ.
މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވެރިކަންކުރާ ޕީއެންސީން ވާދަކުރާނެ ކަމަށް ބުނެފައިވާ އިރު އެމްޑީޕީން ވާދަކުރަނީ 89 ދާއިރާއަށެވެ. ރައީސް ޔާމީން އުފައްދަވާ ޕީއެންއެފްގެ ނަމުގައި ވެސް 40 ދާއިރާއަކަށް ކެންޑިޑޭޓުން ނެރޭނެ އެވެ. އަދާލަތު ޕާޓީން ހަތަރު ދާއިރާއަކަށް ވާދަކުރާނެ އެވެ.