އަންނަ މަހު 17 ގައި ބާއްވަން ތާވަލްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު މެދު ދާއިރާ އަށް އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާ އެކު އޭނާގެ އެއްބަންޑު އެއްބަފާ ކޮއްކޮ އަހުމަދު އާމިރު ވާދަކުރަން ނިންމަވައިފި އެވެ.

އަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާ ވާދަވެރިކަން ބޮޑު އެ ދާއިރާ އަށް ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ބޮންޑޭ ނުކުންނަވާ އިރު އޭނާގެ ކޮއްކޮ ކުރިމަތިލެއްވީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ފަރާތުންނެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރައްވައި މާފަންނު މެދުދާއިރާގެ ގޮނޑި ބޮންޑޭ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގަ އެވެ. އެ ފަހަރު ބޮންޑޭ ޓިކެޓް ކަށަވަރު ކުރެއްވީ އެމްޑީޕީގެ މިހާރުގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރާ ވާދަކުރައްވައިގެންނެވެ. އަނަސް ވަނީ މި ފަހަރުގެ އެމްޑީޕީ ޕްރައިމަރީގައި ވިލިމާފަންނު ދާއިރާ އަށް ވާދަކޮށް ނާކާމިޔާބުވެފަ އެވެ.

އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވި ނަމަވެސް ބޮންޑޭ ފަހުން ވަނީ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން މިދިޔަ އަހަރު އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް ބަދަލުވެފަ އެވެ.

ނަވާރަ ވަނަ މަޖިލީހުގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް އަސްމާ ރަޝީދާ ވާދަކޮށް ބޮންޑޭ ކާމިޔާބު ކުރުމުގައި އެ ފަހަރު ވަނީ އޭނާގެ ކޮއްކޮ އާމިރު ކެމްޕޭނުގައި މުހިންމު ރޯލެއް އަދާކުރައްވައިފަ އެވެ. ހަ ކެންޑިޑޭޓަކު ވާދަކުރެއްވި އެ ފަހަރުގެ އިންތިޚާބުގައި ބޮންޑޭ އަށް 1،035 ވޯޓު ނުވަތަ 50 ޕަސެންޓަށް ވުރެ އިތުރަށް ލިބިވަޑައިގެންނެވި އިރު އަސްމާ އަށް ލިބިވަޑައިގެންނެވީ 520 ވޯޓު ނުވަތަ ވޯޓުލީ މީހުންގެ 25.25 ޕަސެންޓެވެ. ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާފަންދު މެދު ދާއިރާ އަށް މިފަަހަރު ވެސް ވާދަކުރައްވަނީ އަސްމާ އެވެ. ޔޫއޭއީ އަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) މަންމަ ޕީއެންސީގެ ޕްރަމައިރީ ކާމިޔާބު ކުރެއްވީ ފަސް ކެންޑިޑޭޓަކާ ވާދަކުރައްވައިގެންނެވެ.