މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން މަސްވެރިންނަށް ދޫކުރެވިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު މަސްވެރިންނަށް ނުދީ ހުރި 280 މިލިއަން ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ އެ މުއްދަތުގެ ކުރިން ދިނުމަށްފަހު ބާކީ ހުރި 180 މިލިއަން ރުފިޔާ އަންނަ މަހުގެ ފަސް ވަަނަ ދުވަހުގެ ކުރިން ދައްކާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ނޮވެމްބަރު 17، 2023 އިން ފެށިގެން މިއަދާ ހަމަށް މަސްވެރިންނަށް 435 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

މަސްވެރިންނަށް ފައިސާ ދިނުމުގައި މި ފަހަރު ދިމާވި އެންމެ ބޮޑު މައްސަލައަކީ މަހުގެ އަގަށް ކުރީ ސަރުކާރުން ގެނައި ބަދަލު ކަމަށާއި އޭގެ އިތުރުން ސަރުކާރަށް މާލީ ގޮތުން ބޮޑެތި އުނދަގޫތަކެއް އެބަހުރި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ކޫއްޑޫގައި މަސްވެރިން ކުރި މުޒާހަރާގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: ފިޝަރީޒް މިނިސްޓަރު

ފައިސާ ލިބުން ލަސްވެ، މަސްވެރިން ވަނީ މުޒާހަރާތައް ވެސް ފަށައިފަ އެވެ. އެމީހުންގެ ބިލްތަކާއި ލޯނުތައް ދައްކަން ދަތިވެފައިވާކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ.

ޝިޔާމް މިއަދު ވިދާޅުވީ އެ ބިލްތަކާ ލޯނުތަކަށް ލުޔެއް ދޭން ސަރުކާރުން ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ބައެއް މަސްވެރިންނާ ވާހަކަ ދައްކައިގެން ލޯނުތަކަށް ލުއި ހޯދައިދީފައިވާކަން ފާހަގަކުރެއްވި އެވެ.