ގދ. ވާދޫ ކައުންސިލްގެ މެމްބަރުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.
އެލްޖީއޭ އިން ކުރިއަށް ގެންދިޔަ އިންކުއަރީގައި މައްސަލަ ރައްދުވާ ކައުންސިލް މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ ހަތް ދުވަހުގެ ފުރުސަތެއް ދީފައިވެ އެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ކައުންސިލުގެ ހުރިހާ މެމްބަރުންނާއި، ކައުންސިލުގެ އިދާރާގައި، ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި މަސަކަތްތައް ކުރާ މުވައްޒަފުންގެ ބަޔާން ނަގައި މައްސަލަތަކާ ގުޅޭ މައުލޫމާތު ސާފުކޮށްފައިވެ އެވެ.
އެލްޖީއޭ އިން ބުނި ގޮތުގައި ކައުންސިލަރުން މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރާ ކަމާއި ވާޖިބު އަދާކުރުމުގައި ވަނީ އިހުމާލުވެފަ އެވެ. އަދި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚީލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާ ކަމަށް ބުނެފައިވެ އެވެ.
.އޭގެ ތެރެއިން ބައެއް އަމަލުތައް ތަކުރާރުކޮށްފައިވާކަން އެނގެން އޮތަތީ، މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، ގދ. ވާދޫ ކައުންސިލަރުންނާ ގުޅޭގޮތުން މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެލްޖީއޭ ކައުންސިލަރުންގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ގޮތުން ވާދާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ކައުންސިލް މެންބަރު މުހައްމަދު ޝިފާގް ތިން މަހަށް، ހާޝިރު މުހައްމަދާއި ސާރާ މުހައްމަދު ދެ މަހަށް އަދި މާރިޔަތު އިބްރާހީމް އެއް މަސް ދުވަހަށް ސަސްޕެންޑް ކުރަން ވަނީ ނިންމައިފަ އެވެ.
އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާއި ގުޅިގެން އެ ރިޕޯޓުގައި ލަފާދީފައިވާ ފަދައިން އަމަލުކުރުމަށާއި ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މައްސަލަ ބަލާ، މުވައްޒަފުންގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް، އެލްޖީއޭ އިން ނިންމާފައިވެ އެވެ.
ވާދޫ ކައުންސިލާ ގުޅިގެން އެލްޖީއޭއިން 27 މައްސަލައެއް ބެލި އެވެ.