ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އިލަން މަސްކްއަކީ ދިވެހިންނަށް ވެސް އާ ނަމެއް ނޫނެވެ. މަލްޓި ބިލިއަން ވިޔަފާރިތަކާއެކު އިލަންއަކީ ވަރަށް އަރާމު ދިރިއުޅުމެއް މިހާރު އުޅޭ މީހެކެވެ.
އެހެން ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ އިލަންއަކީ އަބަދު އެގޮތަށް އުޅުނު މީހެއް ނޫން ކަމެވެ. އޭނާގެ ކުންފުނި ޓެސްލާ ފަށައިގެން އުޅުނު ދުވަސްވަރު އެ ކުންފުނީގެ ކާރުހާނާގައި އޭނާ ނިދައި އުޅުނު ކަމެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ކުރީގެ ވީޑިއޯއެއްގައި އިލަން ވަނީ އޭނާގެ ކުރީގެ ނިދުމުގެ އާދަތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭނާ ޓެސްލާ ކާރުހާނާގެ ފެންޑާ ތެރޭގައި ނިދިކަމަށް ބުންޏެވެ.
އިލަން ބުނީ އެގޮތަށް އޭނާ ކަން ކުރީ ކާރުހާނާއިން ނުކުމެ ކުރިމަތީގައި ހުރި ހޮޓަލުގެ ކޮޓަރިއެއްގައި ހުރުމުގެ ފެންވަރު ނެތިގެން ނޫން ކަމަށާއި އެއީ އޭނާގެ މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.
"އަހަރެން ބޭނުންވީ އަހަންނަކީ ވެސް އަހަރެންގެ މުވައްޒަފުން ފަދަ މީހެއްކަން އެމީހުންނަށް އިހުސާސް ކޮށްދޭން. އެމީހުންނަށް ދިމާވާ އުނދަގޫތަކުގައި ބައިވެރިވާކަން ހާމަކޮށްދޭން" އިލަން ބުންޏެވެ.
އިލަން މަސްކްގެ މަސައްކަތުގެ އާދަތަކުގެ ސަބަބުން އޭނާއަށް ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުގެ ލަގަބު ލިބިފައިވާއިރު އޭނާގެ މުވައްޒަފުންނަކީ ވެސް އުފާވެރި މުވައްޒަފުންނަށް ހެދުމަށް ހާއްސަ ސަމާލުކަމެއް އޭނާ ދެ އެވެ.