ސިއްހަތު ސަލާމަތުން ހުރިނަމަ ވަޒީފާ އަދާ ކުރުމަށް އުމުރަކީ އުޒުރެއް ނޫންކަން ސިންގަޕޫރުގެ ނަރުހެއް ސާބިތު ކޮށްދީފި އެވެ.

އެއީ ސިންގަޕޫރުގެ ޖެނެރަލް ހޮސްޕިޓަލްގައި މަސައްކަތް ކުރާ 81 އަހަރުގެ ލޯކް ލައި ޗެން އެވެ. 1962 ގައި ނަރުހުން ގެ ޚިދުމަތާ ގުޅުނުއިރު ލޯކްގެ އުމުރަކީ އެންމެ 20 އަހަރެވެ.

އެކި ވޯޑްތަކުގައި މަސައްކަތްކޮށް އެތައް ތަޖުރިބާއަކާ ތަމްރީންތަކެއް ލިބިފައިވާ ލޯކް، މިހާރު މަސައްކަތް ކުރަނީ އެ ހޮސްޕިޓަލުގެ "ސްޓެރައިލް ސަޕްލައި ޑިޕާޓްމަންޓް" ގަ އެވެ.

އެ ޑިޕާޓްމަންޓްގަ ލޯކްގެ ޒިންމާއަކީ އޮޕަރޭޝަންތަކަށް ބޭނުންވާ ސާމާނު ދޮވެ، ސާފުކޮށް އަދި ޖަރާސީމުން ނެތްކަން ކަށަވަރުކޮށް ރައްކާތެރި އެއްޗެއްގެ ގޮތުގައި ތިއޭޓަރުތަކަށް ފޯރުކޮށްދިނުމެވެ.

މިހާ ދިގު މުއްދަތެއްގައި ލޯކް މަސައްކަތުގައި ދެމިހުރުމުގެ ސިއްރަކީ ނަރުސްކަމުން ލިބޭ ހިތް ހަމަޖެހުންކަމުގައި އޭނާ ފާހަގަކުރެ އެވެ.

އޭނާ ދެކޭ ގޮތުގައި ނަރުސްކަމުގެ ވަޒީފާއަކީ ވަރަށް މާތް ވަޒީފާއެކެވެ. ބަލި މީހާއަށް ދޭންވާ އަޅާލުމާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ނަރުހެއްގެ އެންމެ ފުރަތަމަ ޒިންމާ އެވެ.

އޭނާ މަސައްކަތް ކުރަނީ އެކަން ދަނެގެންނެވެ. ލޯކްއަކީ މަޑުމައިތިރި އޯގަތެރި މީހެއްކަމުން، އެ ވަޒީފާއަކީ އޭނާއާ އެންމެ ގުޅޭ މަސައްކަތް ކަމުގައި އޭނާ ދެކެ އެވެ. އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާތާ އެހާ ގިނަ ދުވަސްވީ ނަމަވެސް ވަޒީފާއިން ވަކިނުވާނެ ކަމަށް އޭނާ ބުނެ އެވެ.