ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ގުލްއަލާމާ ހިނގުމުން ހުޅަނގުން އިރަށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީ އޮތް ވޭނެއްގައި ޖެހިގެން ކަމަށެވެ. އެއީ އިމިގްރޭޝަނުގެ ވޭނެއް ކަމަށާއި ވޭނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓުވެފައި ވަނިކޮށް ފެނުނީ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް ކަމަށާއި އެއީ ރޭ ދަންވަރު 2:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވާކަމަށެވެ.

މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.